ނިއުޔޯކު އެއާޕޯޓުގައި ހިނގި ހާދިސާއެއްގައި މަތިންދާ ބޯޓު ފުނޑިއްޖެ

އާދީއްތަ ދުވަހުގެ ރޭ ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓަށް ޖެއްސި އެއާ ކެނެޑާގެ ފްލައިޓެއް އަލިފާން ނިއްވާ ލޮރިއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު ފަޔަރ ފައިޓަރުންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ނިއުޔޯކުޔގެ ފަރަރ ޑިޕާޓްމަންޓާއި ސިޓިޒަން އެޕް އިން އާންމުކުރި ފްޓޭޖްތަކުން އެނގޭ ގޮތުގައި، ކެނެޑާގެ މޮންޓްރިއަލް އިން ފުރައިގެން އައި މި ރީޖަނަލް ޖެޓް އަލިފާން ނިއްވާ ލޮރީގައި ޖެހިފައިވަނީ ނިއުޔޯކު ގަޑިން ރޭގަނޑު 11:40 ހާއިރު ކުއީންސް އެއާޕޯޓުގެ ރަންވޭ 4 ގައެވެ. މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ އުޅަނދުތައް އެ ސަރަހައްދަށް ވަނީ ޖަމާވެފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ. އަނިޔާވި ފަޔަރ ފައިޓަރުންނަކީ ޕޯޓް އޮތޯރިޓީ ޕޮލިސް ޑިޕާޓްމަންޓަށް ނިސްބަތްވާ ބައެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ބޮމްބާޑިއާ ސީއާރްޖޭ-900 މަރުކާގެ މި ޖެޓުގައި 100 ފަސިންޖަރުން ތިބިއިރު، އެމީހުންނަށް ވީ ގޮތް އަދި ދަނީ ބަލަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ބޯޓުން ދަތުރުކުރީ ނިއުޔޯކް ސަރަހައްދުގެ އުސޫލީ ޔަހޫދީ ޖަމާއަތަކަށް ނިސްބަތްވާ ގްރޫޕެކެވެ. ހާދިސާ ދިމާވީ މި ބޯޓު ގޭޓާ ދިމާލަށް ދަނިކޮށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ އެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.

ވާރޭވެހި، އުޑުމަތި ބަނަވުމުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ލަގާޑިއާ އެއާޕޯޓުން އާދީއްތަ ދުވަހުގެ ރޭ އޮތީ ނެރެފައެވެ.

މިހާރު އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ. މަތިންދާބޯޓަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން އެމެރިކާގެ އެވިއޭޘަން އިދާރާއިން ވަނީ 'ގްރައުންޑް ސްޓޮޕް' އެއް ނެރެފައެވެ.

ހިއްސާ ކުރައްވާ!