އީރާނުން ޓްރަމްޕް ބިރު ގަންނަވާލުމުން އީރާނުގެ އިންޖީނު ގެތަކަށް ހަމަލަ ނުދޭނެކަމަށް ޓްރަމްޕް މީސްމީޑިއާގައި ބުނެފިއެވެ. އަދި ބުނަނީ އީރާނާއެކު ކުރާ މަޝްވަރާތައް ކާމިޔާބު ކަމަށެވެ. އީރާނުން ކުރިން ބުނެފައި ވަނީ ޓްރަމްޕަކީ އިތުބާރު ނުކުރެވޭ ޒާތުގެ ފާސިގެއް ކަމަށެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު އީރާނާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ މެދުއިރުމަތީގެ ހަތުރުވެރިކަން މުޅިން ނައްތާލުމަށް ކުރެވުނު ވަރަށް ތަފްސީލީ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. މި މަޝްވަރާތައް ކުރިއަށް އޮތް ހަފުތާގައި ވެސް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގެ ރޫހަށް ބަލައި، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗާއަށް ދޭން ނިންމާފައިވާ އެންމެހާ އަސްކަރީ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް ފަސްކުރުމަށް އެމެރިކާގެ ވޯ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ދޭން ރޭވި ހަމަލާތައް ފަސް ދުވަހަށް މަޑުޖައްސާލުމަށް އަޅުގަނޑު މިހާރު ވަނީ އަންގާފައި،" ޓްރަމްޕް ވިދާޅުވިއެވެ. އެކަމަކު ޓްރަމްޕަކީ ދުނިޔެ ދެކޭ ގޮތުގައި ދެއުޅި އެއްނުވާ މީހެކެވެ.




