އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ރައީސް އިސްހާގް ހަރުޒޯގަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވައި، އޭނާއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، ކޮރަޕްޝަނުގެ ދައުވާތަކެއް އުފުލިފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މައާފު ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފިއެވެ.
އިސްރާއީލުގެ ޗެނަލް 14 އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، "ތިޔަބޭފުޅުންގެ ބަލިކަށި ރައީސް ނަތަންޔާހޫއަށް މައާފެއް ނުދެއްވާނެ ހެއްޔެވެ؟ އޭނާ މައާފު ދެއްވާނެ ކަމަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަހަރެންގެ ގާތުގައި ވައުދުވެވަޑައިގެންނެވި، ނަމަވެސް އޭނާ އަހަންނަށް އިތުރުފުޅު ހެއްދެވީއެވެ."
މީގެ އިތުރުން، ހަރުޒޯގަކީ "ބަލިކަށި އަދި ކަނޑުކޮސް" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ ސަމާލުކަން ދޭންވީ "މިފަދަ ބޭކާރު ކަންކަމަށް ނޫން ކަމަށާއި، ހަނގުރާމައަށް" ކަމަށެވެ.
ނަތަންޔާހޫއަށް މައާފު ދެއްވުމަށް ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ހަރުޒޯގަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 2025 ގައި ކްނެސެޓްގައި ދެއްވި ޖެނޮސައިޑްގައި ބައިވެރިވި ކަމަށް އެއްބަސްވި ތަގުރީރާއި، އެ އަހަރުގެ ނޮވެމްބަރު މަހު ހަރުޒޯގަށް ފޮނުއްވި ސިޓީއެއް ހިމެނެއެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އަދުލުއިންސާފުގެ ނިޒާމަށް ޓްރަމްޕް ނުފޫޒު ފޯރުވަނީ ކަމަށް ބުނެ އެ ގައުމުގެ އެތެރޭގައި ފާޑުކިޔުންތައް އަމާޒުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިސްރާއީލުގެ ރައީސް އިސްހާގް ހަރުޒޯގް ވިދާޅުވީ، ނަތަންޔާހޫއަށް މައާފު ދިނުމުގެ މައްސަލަ އޮތީ "މުރާޖައާ ކުރުމުގެ މަރުހަލާގައި" ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމާނީ "އެތެރޭގެ ނުވަތަ ބޭރުގެ އެއްވެސް ފިއްތުމެއް ނެތި" ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ޗެނަލް 12 އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އަނެއްކާވެސް ހަރުޒޯގަށް ހަމަލާދެއްވައި، އޭނާ ފަޟީހަތްކޮށްލާނެ ކަމުގެ އިންޒާރު ދެއްވައި، އޭނާއަކީ ކަނޑު ކޮހެއް ކަމަށް ސިފަކުރައްވާފައެވެ.
ނަތަންޔާހޫއަކީ މަގާމުގައި ހުންނަވަނިކޮށް ރިޝްވަތާއި، މަކަރާއި ހީލަތް އަދި އަމާނާތަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލުނު އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރެވެ. 2019 ވަނަ އަހަރު މި ދައުވާތައް އުފުލި ފަހުން އޭނާ ގެންދަވަނީ އެކަންކަމަށް އިންކާރު ކުރައްވަމުންނެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އޭޕްރިލް މަހު އިސްރާއީލަށް ޒިޔާރަތް ކުރެއްވުމުގެ ވިސްނުން ހުރި ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ. އެއީ ޔަހޫދީން އޭނާގެ ޖެނޮސައިޑް ސަޕޯޓު ކުރުމުން ދޭ "އިސްރާއީލް އެވޯޑް" އާ ހަވާލުވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަކާ ބެހޭގޮތުން ޗެނަލް 14 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި އެވޯޑަކީ އިސްރާއީލުގައި ފިތުނަ ފަސާދަ ކުރުމުގެ ދާއިން އަރައި ހުންނަ ފަރާތަކަށް ދެވޭ އެންމެ މަތީ ރަސްމީ ޝަރަފެވެ.
އެޕްސްޓީން ގޭންގްގައި ހިމެނޭ ޓްރަމްޕްގެ މި ދަތުރު ދިމާވަނީ 1948 ވަނަ އަހަރު އިސްރާއީލުން ފަލަސްޠީނު މީހުންގެ ޖެނޮސައިޑް ހިންގައި ނަސްލު ސާފުކޮށްލި މުނާސަބާއާއެވެ.





