ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަކަށް ބޭނުންކުރާކަށް ނުދޭނަން: ރައީސް މުއިއްޒު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން، ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ހަނގުރާމައަކަށް ބޭނުންކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯރްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ހަނގުރާމައާ ގުޅޭ މަޝްވަރާތަކެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

"މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިޒުރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށާއި، އެމެރިކާ ފަދަ ގައުމެއްގެ އިސްބޭފުޅަކު ވަޑައިގަންނަވަން އެދުމުން އެ ފުރުސަތު ނުދިނުމަކީ ވަރަށް އައިބު ކަމަކަށް ވާނެ ކަމަށެވެ. އަދި ރާއްޖެއިން އިޒުރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ ގުޅުން ބާއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނޫސްކޮންފަރެނސްގައި ވިދާޅުވި ބަސްފުޅުތައް:

މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ."

"އީރާނުން ހަމަލާދޭނަމަ ދޭން ޖެހޭނީ ސީދާ އިޒުރޭލަށް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒުރޭލަށް ހަމަލާދޭންވީ ރެއާއިދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. މުސްލިމު އަރަބި ގައުމުތަކަށް ހަމަލާދިނީމަ ހަމަ މުސްލިމުން މަރުވާނީ ވެސް، ތަންތަން ހަލާކުވާނީ ވެސް،"

"އެމެރިކާގެ ވެރިޔަކު ނޫނީ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެމެރިކާ ސަރުކާރުން އެދިވަޑައިގެންފި ނަމަ، އެ ފުރުސަތު ރާއްޖެ އިން ނުދިނުމަކީ ވަރަށް އައިބު ކަމަކަށް ވާނެ،"

ސާޖިއޯ ގޯރގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިއަދު ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ  ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި މަސްލަހަތު އޮންނަ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް، އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެމެރިކާގެ މަންދޫބު ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!