އީރާނުން ވަނީ އެމެރިކާ ސައިޒް ކޮށްފައި: ސައީދު ޖަލީލީ

އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރު އަދި އެގައުމުގެ އިމާމް އާޔަތުﷲ މުޖުތަބާ ޚާމަނާއިގެ މުޝީރު، ސައީދު ޖަލީލީ ވިދާޅުވީ، އީރާނުގެ ބާރުގެ ކުރިމަތީގައި އެމެރިކާ ވަނީ ސައިޒު ކޮށްފައި ކަމަށާއި، އެމެރިކާއަށް މިހާރު ހަގީގަތާ ކުރިމަތިލާން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

ސައީދު ޖަލީލީ ފާހަގަކުރެއްވި ގޮތުގައި ހުރުމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާގެ ރާގު މިހާރު ވަނީ ބަދަލުވެފައެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ އެމެރިކާއިން ބުނަމުން ދިޔައީ ހުރުމުޒް ކަނޑުއޮޅި ހުޅުވާލަން ޖެހޭނެ ކަމަށެވެ!
އޭގެ ފަހުން، އެމެރިކާ ބުނީ އެމެރިކާ ސިފައިން އާގުބޯޓުތަކާއި އުޅަނދުފަހަރަށް ހިމާޔަތްދީ އެސްކޯޓު ކުރާނެ ކަމަށެވެ.

ނަމަވެސް މިހާރު އެމެރިކާގެ ރާގު ބަދަލުވެ، ބުނަމުން ދަނީ އީރާނާއެކު ގުޅިގެން އެ ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރަށް އޮތް ކަމަށެވެ!

ޖަލީލީ ވިދާޅުވީ "މިއީ ފަހަތަށް ޖެހި ފަހަތު ފަޔަށް ބަރުވުމުގެ އަސްލު މާނައަކީ. އީރާނުގެ ބާރުގެ ސަބަބުން އެމެރިކާއަށް ހަގީގަތް އެނގި މޭޒުދޮށަށް ތިރިވަން މަޖުބޫރުވެފައި،" ކަމަށެވެ.

އީރާނުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޖަލީލީ ވިދާޅުވީ އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

ހިއްސާ ކުރައްވާ!