ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބޮޑުބޭބެ، މޫސާ ޞާލިޙް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ. މިއީ ރައީސް ޞާލިޙުގެ އާއިލީ ބޭފުޅަކު ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންނެވި ފާހަގަކޮށްލެވޭ ފުރަތަމަ ފަހަރެވެ.
ޕީއެންސީގެ މާލެ ސިޓީ ހަރުގޭގައި ޖެނުއަރީ 30 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ މާހެފުމުގައި މޫސާ ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ތެރެއިން އޭނާ ވަނީ ޕީއެންސީގެ އިސް ބޭފުޅުންނާއި އެކު ވަގުތު ހޭދަކުރައްވައި، ރައީސް ޞާލިޙުގެ އާއިލާވެސް ޕީއެންސީއާއެކު އޮތްކަން ހާމަކޮށްދެއްވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ މޫޞާ ޞާލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވައި، އެ ބޭފުޅުންނާއެކު ފޮޓޯ ނަންގަވާފައިވާކަން ފާހަގަކުރެވެއެވެ.
މޫޞާ ޞާލިޙަކީ ދިވެހިރާއްޖޭގެ މައި އެއާޕޯޓުގެ އިސް މަޤާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އާންމުންގެ މެދުގައި ބޮޑު އިޙްތިރާމެއް ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.







