ޖަރުމަނުވިލާތުގައި މަސައްކަތްތެރިންގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެކަން ހައްލުކުރުމަށް އެ ގައުމުން އިންޑިއާގެ މަސައްކަތްތެރިންނަށް ބޮޑަށް ބަރޯސާވާން ފަށައިފިއެވެ. މި މައްސަލަ ދިމާވެފައިވަނީ ދުވަސްވީ މުވައްޒަފުން ރިޓަޔަރ ކުރަމުންދާއިރު، އެ މަގާމުތަކަށް ނުކުންނާނެ ޒުވާން މަސައްކަތްތެރިން ގައުމުން ލިބެން ނެތުމުގެ ސަބަބުންނެވެ.
ޖަރުމަނުގެ ފްރައިބާގް ޗެމްބަރ އޮފް ސްކިލްޑް ކްރާފްޓްސްގައި މަސައްކަތް ކުރެއްވި ހޭންޑިރްކް ފޮން އުންގަރން-ސްޓާންބާގް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން ތިބީ މަސައްކަތް ކުރާނެ މީހަކު ނުލިބިގެން ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޚާއްސަކޮށް ބުޗަރުން ފަދަ އަތްތެރި މަސައްކަތްތަކުގައި މި ދަތިކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2002 ވަނަ އަހަރު ޖަރުމަނުގައި އާއިލީ ގޮތުން ހިންގާ 19،000 ކުދި ގެރި ކަތިލާ ވިޔަފާރި ހުރި ނަމަވެސް، 2021 ވަނަ އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 11،000 އަށްވުރެ ދަށަށް ގޮސްފައެވެ. "ބުޗަރީ މަސައްކަތަކީ ބުރަ މަސައްކަތެއް، އަދި ފާއިތުވި 25 އަހަރު ތެރޭގައި ޒުވާނުން ވަނީ އެހެން ދާއިރާތަކަށް މިސްރާބު ޖަހާފައި،" ބުޗާސް ގިލްޑްގެ އިސްވެރިޔާ ޖޯކިމް ލެޑަރާ ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ 'މެޖިކް ބިލިއަން' އެޖެންސީ މެދުވެރިކޮށް 2022 ވަނަ އަހަރު 13 ޒުވާނަކު ޖަރުމަނަށް ގެނެސް ތަމްރީނު ދޭން ފެށިއެވެ. މިހާރު މި އަދަދު ވަނީ 200 އަށް އިތުރުވެފައެވެ. މި ޒުވާނުން ޖަރުމަނުގެ އެކި ރަށްތަކުގައި މަސައްކަތް ކުރަމުންދާއިރު، މިއީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަނގަޅު އިޖުތިމާއީ ރައްކާތެރިކަމެއް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެމީހުން ދެކެއެވެ.
2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ޖަރުމަނުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި އަހަރަކު މަދުވެގެން 288،000 ބޭރުގެ މަސައްކަތްތެރިން ބޭނުންވެއެވެ. މިކަން މިގޮތަށް ނުވެއްޖެނަމަ، 2040 ވަނަ އަހަރާ ހަމައަށް އައިއިރު ޖަރުމަނުގެ މަސައްކަތްތެރިންގެ އާބާދީ 10 އިންސައްތަ ދަށަށް ދާނެ ކަމަށް ބާޓެލްސްމަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.







