މިޔަންމާގައި ސްކޭމް ސެންޓަރުތައް ހިންގި މާފިއާ އާއިލާގެ ހަތަރު މީހަކަށް ޗައިނާއިން މަރުގެ އަދަބު ދީފި

މިޔަންމާގައި ގަވާއިދާ ހިލާފަށް ސްކޭމް ސެންޓަރުތަކާއި ކެސީނޯތައް ހިންގަމުންދިޔަ ނުރައްކާތެރި ބައި މާފިއާ އާއިލާގެ ހަތަރު މެންބަރަކަށް ޗައިނާގެ ކޯޓަކުން މަރުގެ އަދަބު ދީފިއެވެ. މި މީހުންނަށް މަރުގެ އަދަބު ދީފައިވަނީ ޗައިނާގެ 6 ރައްޔިތެއްގެ މަރުގެ މައްސަލައާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި މީހުން ރަހީނުކުރުން ފަދަ ބޮޑެތި ޖަރީމާތަކެއްގައި ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ޗައިނާގެ ދެކުނު ގުއަންގްޑޮންގް ޕްރޮވިންސްގެ ޝެންޒެން ކޯޓުން މި އާއިލާގެ ފަސް މެންބަރަކަށް މަރުގެ ހުކުމް އިއްވާފައިވެއެވެ. ޝެންޒެންގައި މި 4 މީހުންގެ މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ޗައިނާގެ އެންމެ މަތީ ފަނޑިޔާރުގެ، ސުޕްރީމް ޕީޕަލްސް ކޯޓުން އެ ހުކުމްތައް ތަސްދީގު ކުރުމާ ގުޅިގެން ކަމަށް ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ރިޕޯޓުކޮށްފައިވެއެވެ.

ބައި އާއިލާއިން މިޔަންމާގެ ކޮކަންގް ސަރަހައްދުގައި ހިންގަމުން ދިޔައީ ވަރަށް ފުޅާ ދާއިރާއެއްގެ ޖިނާއީ މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި ޓެލެކޮމް ސްކޭމްތަކާއި، މީހުން ރަހީނުކޮށްގެން ފައިސާ ހޯދުމާއި، މަޖުބޫރުން ހަށިވިއްކުވުމާއި، އަދި މަސްތުވާތަކެތި އުފައްދައި އޭގެ ވިޔަފާރިކުރުން ހިމެނެއެވެ. މި ޖަމާއަތުން އެކި މީހުންގެ އަތުން 29 ބިލިއަން ޔުއާން (4.2 ބިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި އާއިލާގެ އިސްވެރިޔާ ބައި ސުއޯޗެންގަށް ވެސް މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، ހުކުމް ތަންފީޒު ކުރުމުގެ ކުރިން އޭނާ ވަނީ ބަލިވެގެން މަރުވެފައެވެ. މި ނެޓްވޯކްތައް މިޔަންމާގެ ބޯޑަރު ސަރަހައްދުތަކުގައި ފުޅާވެގެން ދިޔައީ އެ ސަރަހައްދުތަކުގައި ގާނޫނު ތަންފީޒުކުރުން ބަލިކަށިވުމާއި، އެ ސަރަހައްދުގެ ހަތިޔާރު އެޅި ޖަމާއަތްތަކާ އޮންނަ ގުޅުންތަކުގެ ސަބަބުންނެވެ.

މި މަރުގެ އަދަބުތަކަކީ ދެކުނު އިރުމަތީ އޭޝިއާގައި ފުޅާވަމުންދާ ސައިބާ ސްކޭމް އިންޑަސްޓްރީ ނައްތާލުމަށް ބެއިޖިންގުން ފަށާފައިވާ ވަރުގަދަ ކެމްޕޭނުގެ ބައެކެވެ. މިދިޔަ ހަފްތާގައި ވެސް ޗައިނާއިން ވަނީ މިޔަންމާގައި ހަރަކާތްތެރިވާ މިފަދަ އެހެން ޖަމާއަތެއް ކަމަށްވާ މިންގް އާއިލާގެ 11 މެންބަރަކަށް މަރުގެ އަދަބު ދީފައެވެ.

ޗައިނާ ސަރުކާރުން މިހާރު ދަނީ މިޔަންމާގެ އިތުރުން ކެމްބޯޑިއާ އަދި ލާއޯސް ފަދަ ގައުމުތަކުގައި ހިންގާ ސްކޭމް ސެންޓަރުތައް ހުއްޓުވުމަށް އެ ގައުމުތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އޮންލައިންކޮށް މީހުންގެ އަތުން ފައިސާ ފޭރުން ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!