ތުރުކީ، މިޞްރު އަދި ޕާކިސްތާނުން ދަނީ އެމެރިކާއާއި އީރާނުގެ މަސްއޫލުވެރިންގެ ބައްދަލުވުމެއް އިސްލާމްއާބާދުގައި ބޭއްވުމަށް ބާރުއަޅަމުންނެވެ.
ޑިޕްލޮމެސީގެ މަސައްކަތްތައް މި ގައުމުތަކުން މިހާރު ވަނީ ވަރަށް ބޮޑަށް ހަލުވި ކޮށްފައެވެ.
ވައިޓް ހައުސްގެ އޮފިޝަލުން އެމެރިކާގެ އެކި މީޑިއާއަށް ދޮގު މަޢުލޫމާތު ދެމުންދާއިރު، އެމެރިކާ އިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ޕާކިސްތާނު މެދުވެރިކޮށް އީރާނަށް ފޮނުވާފައެވެ. އަދި ތުރުކީ، މިޞްރު އަދި ޕާކިސްތާނުގެ މެދުވެރިން ދަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނުގެ އިސްވެރިން ސީދާ ބައްދަލުކުރެއްވުމަށް ބާރުއަޅަމުންނެވެ.

އެހެންކަމުން، އެ ބައްދަލުވުން ބޭއްވޭނީ ބުރާސްފަތި ދުވަހު ކަމަށް ބެލެވެއެވެ.
މި ކަންކަން މިހެން ހިނގަމުންދާއިރު، ޓްރަމްޕްގެ ސަރުކާރުން މެދުއިރުމައްޗަށް އިތުރު އަސްކަރީ ވަސީލަތްތައް އަދި ސިފައިން ފޮނުވަމުންދާކަން ވެސް ވަނީ އެނގިފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓްގެ ގާތްގަނޑަކަށް 2,500 ސިފައިން ފޮނުވި ވާހަކަ ރިޕޯޓު ކޮށްފައި ވެއެވެ. އަދި މިހާރު މިވަނީ 82 ވަނަ އެއަރބޯން ޔުނިޓްގެ ގާތްގަނޑަކަށް 1,500 އެއްހާ ސިފައިން ފޮނުވަން ނިންމާފައެވެ. މި ވާހަކަ މުހިންމުވާ ސަބަބަކީ މިއީ އެހެން ޤައުމުތަކުގެ ސަރަޙައްދުތަކަށް އަރައިގަތުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ސިފައިންގެ ބައެއް ކަމަށްވާތީއެވެ.
މީގެ އިތުރުން، އީރާނުގެ ވެރިން އެމެރިކާއިން ފޮނުވާފައިވާ ދެ މަންދޫބުން ކަމަށްވާ ޓްރަމްގެ ދަނބި ދަރި ޖެރެޑް ކުޝްނަރާއި، ރަސްމީ މެދުވެރިއެއްގެ ގޮތުގައި ހުންނެވި ސްޓީވް ވިޓްކޮފްއާ މުޢާމަލާތް ކުރަން ބޭނުން ނުވާ ކަމަށް ބުނާ ރިޕޯޓެއް ވެސް ވަނީ ފެންމަތިވެފައެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން އިސްކަންދެނީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްއާ ވާހަކަ ދައްކާ ށެވެ.
އަދި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، "އެއީ ހަނގުރާމަވެރިއެއް. އޭނާ ހުންނެވީ އަހަރެމެންނާއެކު ހަނގުރާމައިގައި،" ކަމަށެވެ.
މިގޮތަށް އެކި މަޢުލޫމާތު ލިބެމުންދާއިރު، ޚާރިޖީ މަޝްވަރާތަކާއި އަސްކަރީ ހަރަކާތްތައް މިވަގުތު ވެސް ކުރިއަށްދަނީ އެކުއެކީގައެވެ.






