އިންޑިއާގެ އިގްތިސާދީ ބިންގާ ވަރުގަދަ ކަމަށާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ބޭނުންވާ ވަރަށް ތެލާއި، ފާޓިލައިޒާ އަދި ކޯލް އެ ގައުމުގައި އެބަހުރި ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމަށްބަލައި، އިންޑިއާގެ ބައެއް ސިޓީތަކުގައި ތެޔޮ އެޅުމަށް ދިގު ކިއޫތަކެއް ވަނީ ދަމާލާފައެވެ. ނަމަވެސް، ބޮޑުވަޒީރު މޯދީ ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި، އެއްވެސް ބާވަތެއްގެ ތަދިކަމެއް ނެތް ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދޭ ކަމަށެވެ.
މިދިޔަ މަހު ފެށުނު ހަމަލަތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި، ކަނޑު ދަތުރުފަތުރުގެ އިތުރުން ގޭސް ސަޕްލައިއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ ހިއްސާކުރާ ހުރުމުޒު ބަންދުވުމުން އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ތެލުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އާންމުން ބިރުގަންނަން ނުޖެހޭނެ ކަމަށް ބުނެފައވެ. އަދި މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވާ މުހިންމު ވަސީލަތްތައް ގައުމުގައި އެކަށީގެންވާ މިންވަރަށް ރައްކާކުރެވިފައިވާ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.




