އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ކޮންގްރެސް ޕާޓީގެ އެންމެ މުހިންމު ދެ އޮފީސް ކަމަށްވާ، އެ ޕާޓީގެ މައި މަރުކަޒު ހުންނަަ 24 އަކްބަރު ރޯޑާއި، ކޯޑިނޭޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ 5 ރައިސީނާ ރޯޑުގެ އިމާރާތްތަކުން ނުކުތުމަށް އެ ޕާޓީއަށް އިންޑިއާ ސަރުކާރުން ނޯޓިސް ފޮނުވައިފިއެވެ. މި ދެ އިމާރާތް ހުސްކުރުމަށް ދީފައިވާ އެންމެ ފަހު މުއްދަތަކީ މާރިޗު 28 އެވެ. މިއާއެކު އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
ކޮންގްރެސްގެ އިސް ލީޑަރަކު ވަނީ ނޯޓިސް ލިބިފައިވާކަން ކަށަވަރުކޮށްދެއްވައި، މިއީ ކުރީގެ މައްސަލަތަކަށްވުރެ މާ ސީރިއަސް އަދި އަވަސް ހައްލެއް ބޭނުންވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ޕާޓީން މިހާރު ދަނީ ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބަލަމުންނެވެ. އޭގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދުމާއި، ޕާލަމެންޓް މެދުވެރިކޮށް އެ ތަންތަން އަލުން ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
މިކަމުގައި މިހާރު މަޝްވަރާ ކުރެވެމުންދާ އެއް ހުށަހެޅުމަކީ، ޕާޓީގެ އިސް ލީޑަރަކު ރާޖްޔާ ސަބާ މަތިގެ އަށް އައްޔަންކޮށް، އެ ބޭފުޅެއްގެ ނަމުގައި އެ ބަންގްލޯތައް އަލުން ހޯދުމެވެ. ނަމަވެސް، މުއްދަތު ހަމަވުމުގެ ކުރިން މިކަމަށް ސިޔާސީ އަދި ގާނޫނީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
ކޮންގްރެސްގެ ލީޑަރޝިޕްގެ ރަމްޒެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން ހުރި 24 އަކްބަރު ރޯޑު ގެއްލުމަކީ، އެ ޕާޓީގެ ހިންގުމަށާއި މައުނަވީ ގޮތުން ވެސް ލިބޭނެ ބޮޑު އުނިކަމެކެވެ. ރައިސީނާ ރޯޑާ އެކު މި ދެ އޮފީހަކީ ދިއްލީގައި ކޮންގްރެސްގެ މުހިންމު ނިންމުންތައް ނިންމާ މައި މަރުކަޒުތަކެވެ.




