އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2026 ވަނަ އަހަރަށް ކަނޑައެޅި ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީ (އެން.ޑީ.އެސް) ޖެނުއަރީ މަހު ހާމަކޮށްފިއެވެ. މި ސްޓްރެޓެޖީގެ ދަށުން ހުޅަނގުގެ ގައުމުތަކުގައި އެމެރިކާގެ ބާރުވެރިކަން އަލުން ގާއިމުކޮށް، ބޭރުގެ ހަތުރުވެރި ބާރުތަކުން އެ ސަރަހައްދުގެ މުހިންމު ވަސީލަތްތަކަށް އަތްގަދަކުރުން ހުއްޓުވުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ޑޮކިއުމެންޓްގައި ސީދާ ޗައިނާގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް، މެކްސިކޯ ކަނޑުއޮޅި، ޕެނަމާ ކެނަލް އަދި ދެކުނު އެމެރިކާގައި އިދިކޮޅު ފަރާތްތަކުގެ ނުފޫޒު ކުޑަކުރުމަށް ބާރުއަޅާފައިވެއެވެ. ޚާއްސަކޮށް ވެނެޒުއޭލާ، ކިއުބާ އަދި ޕެނަމާގައި ހިނގަމުންދާ ކަންކަމުން އެމެރިކާގެ މި އާ ސިޔާސަތު ހާމަވެގެންދެއެވެ.
ހޮންކޮންގުގެ ސީ.ކޭ ހަޗިސަން ކުންފުނިން ޕެނަމާގައި ހިންގާ 43 ބަނދަރެއް އެމެރިކާގެ އިންވެސްޓަރުން ގަތުމަށް ކުރި މަސައްކަތަށް ޗައިނާއިން ވަނީ ހުރަސް އަޅާފައެވެ.
2026 ޖެނުއަރީ 29 ގައި ޕެނަމާގެ ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏަށް ދީފައިވާ ބައެއް ހުއްދަތަކަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ނިންމާފައެވެ.
މި ނިންމުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިއީ "އެމެރިކާއަށާއި، ޕެނަމާ އަދި އެކުވެރި ގައުމުތަކަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.
ޕެނަމާ ކެނަލްއިން ޗައިނާއަށް އޮތް ފުރުސަތުތައް ހަނިވަމުންދާތީ، ބެއިޖިންގްއިން މިހާރު ދަނީ ބަދަލު މަގުތަކެއް ހޯދަމުންނެވެ. އޭގެ ތެރޭގައި ނިކަރާގުއާގެ ކެނަލް މަޝްރޫއާއި، މެކްސިކޯ، ބްރެޒިލް، ބޮލީވިއާ އަދި ޕެރޫގެ ތެރެއިން ލާފައި ދާ މަގުތައް ހިމެނެއެވެ. ނަމަވެސް، އެމެރިކާއިން ޕެރޫ ފަދަ ގައުމުތަކާއެކު ސަލާމަތީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރަމުން ދިއުމަކީ ޗައިނާގެ މި ރޭވުންތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ސްޓްރެއިޓް އޮފް މެގެލަން އަކީ ޗައިނާއަށް އޮތް އެންމެ އުންމީދީ މަގު ކަމުގައި ވިޔަސް، އާޖެންޓީނާގައި ޗައިނާއިން ހިންގަން އުޅުނު ބައެއް މަޝްރޫއުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން، އާޖެންޓީނާގެ ސަރުކާރުން ބަނދަރުތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމާއި، އެމެރިކާ އަދި އިނގިރޭސިވިލާތާއެކު އަސްކަރީ މަޝްވަރާތައް ކުރަމުންދާ ކަމުގެ ރިޕޯޓުތަކާއެކު، އެ ސަރަހައްދުން ޗައިނާއަށް ފުރުސަތު ލިބުން ދަނީ ދަތިވަމުންނެވެ.
އެމެރިކާގެ އާ ދިފާއީ ސްޓްްރެޓެޖީން ދައްކައިދެނީ ހުޅަނގުގެ ބާރުވެރިކަން ދެމެހެއްޓުމަށާއި ޗައިނާގެ ކުރިއެރުން ހުއްޓުވުމަށް އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމެވެ.






