އީރާނާއި އެމެރިކާއާ ދެމެދު ގެ މަޝްވަރާއަށް އެމެރިކާގެ ހުށަހެޅުންތަކެއް ޕާކިސްތާނުން އީރާނާ ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ. އަލްޖަޒީރާއިން ޕާކިސްތާން މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ޓްރަމްޕްގެ ސަރުކާރުން ޕާކިސްތާނާ ހަވާލުކުރި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ލިޔުމެއް އީރާނަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް އީރާނުގެ ޖަވާބަކަށް މިހާރު އިންތިޒާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބައްދަލުކުރައްވާފާނެ ކަމަށް ވެއެވެ. ތުރުކީވިލާތުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ހާރޫން އަރްމަގާން ވިދާޅުވީ، އަންކާރާގެ އަމާޒަކީ މަޝްވަރާތަކަށް މަގުފަހިކޮށް ނުތަނަވަސްކަން ކުޑަކުރުން ކަމަށެވެ.

މި ރިޕޯޓްތަކާ ގުޅިގެން ޕާކިސްތާނުގައި ހުންނަވާ އީރާނުގެ ސަފީރު ރިޒާ އަމީރީ މުގައްދަމް ވިދާޅުވީ، އެމެރިކާއާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެއްވެސް މަޝްވަރާއެއް މިހާތަނަށް އަދި ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށްޓަކައި "އެކުވެރި ގައުމުތަކުން" ދެ ފަރާތާއެކު ވެސް މަޝްވަރާތައް ބަދަލު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ އޮފިޝަލަކާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުފޅު ހެއްދެވުމުން ސަފީރު ވިދާޅުވީ، އެއީ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށެވެ. އީރާނުން ބުނަމުންދަނީ މީޑިއާގެ ރިޕޯޓްތަކުގައި އެފަދަ ވާހަކަތަކެއް ހުއްޓަސް، ރަސްމީ އެއްވެސް ސިފައެއްގައި ސީދާ ކޮށްވެސް ނުސީދާކޮށްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި ޔަހޫދީންގެ އިގްތިސާދީ ވަޒީރު ނިރް ބަރްކާތު ބުނީ ، ޓްރަމްޕާއި ނަތަންޔާހޫ ގުޅިގެން މަޝްވަރާތައް މެނޭޖްކުރަމުންދާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ "ޓްރަމްޕް އެއްކޮޅުން މަޝްވަރާ ކުރަމުން ގެންދާއިރު، އަނެއްކޮޅުން ގަލްފް ސަރަހައްދަށް އަސްކަރީ ބާރުތައް ޖަމާކުރަމުން ވެސް ގެންދަވާ" ކަމަށެވެ.
އިސްރާއީލުން ބާރުއަޅަނީ އީރާނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއް ވެސް އޮންނަންޖެހޭނީ އެމެރިކާ އާއި އިސްރާއީލަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ބުންޏެވެ. އަދި އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލެވޭ ފަދަ ގޮތަކަށް ކަމަށެވެ.





