ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދީ، ޖިންސީ ގޯނާގެ ޝިކާރައަކަށް އެކުދިން ހުށަހެޅޭ ފަދަ މަގުތައް ފަހިކޮށްދީފައިވާތީ، ސޯޝަލް މީޑިއާ ކުންފުނި މެޓާ 375 މިލިއަން ޑޮލަރުން ޖުރިމާނާކޮށް ބަދަލު ދެއްކުމަށް އެމެރިކާގެ ތަހުކީމް ކޮމިޓީއަކުން އަމުރުކޮށްފިއެވެ.
ނިއު މެކްސިކޯގެ ޝަރީއަތެއްގައި ތަހުކީމް ކޮމިޓީން މި ހުކުމް އިއްވީ، އެ ކުންފުނިން ކުޑަކުދިން ރައްކާތެރިކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެ ސްޓޭޓްގެ ސަރުކާރުން ކުރި ދައުވާގެ ޝަރީއަތް 6 ހަފުތާއަށް ކުރިއަށް ގެންދިއުމަށްފަހު، އަންގާރަ ދުވަހުއެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލައެއްގައި އެމެރިކާގެ ސްޓޭޓަކުން މެޓާއާ ދެކޮޅަށް ކުރި ދައުވާއެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ.
އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕްގެ މައި ކުންފުނި ކަމަށްވާ މެޓާ ގެ ޕްލެޓްފޯމްތަކުގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ގިނަ ދައުވާތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

ތަހުކީމް ކޮމިޓީން ބުރަވީ، މެޓާ އިން ރައްކާތެރިކަމަށްވުރެ ބޮޑަށް އަމިއްލަ މާއްދީ ފައިދާއަށް އިސްކަންދީ، ނިއު މެކްސިކޯގެ 'އަންފެއާ ޕްރެކްޓިސަސް އެކްޓް' ކަމަށްވާ ނޭދެވޭ ވިޔަފާރީގެ އުސޫލުތަކާ ބެހޭ ގާނޫނު ގެ ބައެއް މާއްދާތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ޕްރޮސިކިއުޓަރުން ދެއްކި ވާހަކަތަކަށެވެ.
މެޓާ އިން ދޮގު ހަދައި އަދި އޮޅުވާލުންތަކުން ފުރިގެންވާ ބަޔާންތައް ދީފައިވާ ކަމަށާއި، ކުޑަކުދިންގެ ނާޒުކުކަމާއި ތަޖުރިބާ މަދުކަމުގެ ނާޖާއިޒު ފައިދާ ނަގައި، "ބަލައިނުގަނެވޭ ފަދަ" ދަށު ދަރަޖައިގެ ވިޔަފާރީގެ އުސޫލުތަކެއް އެ ކުންފުނިން ގެންގުޅެފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަށް ވެސް ކޮމިޓީން އެއްބަސްވިއެވެ.
މި މައްސަލައިގައި ކޮމިޓީން ވަނީ ޝަރީއަތުގައި 40 ހެކިންގެ ހެކިބަސް އަޑުއަހާފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ސިއްރުތައް ހާމަކުރި ކުރީގެ މުވައްޒަފުން ހިމެނޭއިރު، ސަތޭކައަށްވުރެ ގިނަ ލިޔެކިޔުންތަކާއި، ރިޕޯޓްތަކާއި އީމެއިލްތައް ވެސް ވަނީ ދިރާސާކޮށްފައެވެ.
"މި ހުކުމަށް އަޅުގަނޑުމެން އިހުތިރާމު ކުރާ ހާލު ދެކޮޅު ހަދަން، އަދި މި މައްސަލަ އިސްތިއުނާފު ކުރާނަން،" މެޓާގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުގައި މީހުން ރައްކާތެރިކޮށް ބޭތިއްބުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަދި ނުބައި ނިޔަތުގައި އުޅޭ މީހުންނާއި ގެއްލުންދެނިވި ކޮންޓެންޓް ދެނެގަނެ، އެތަކެތި ނައްތާލުމުގައި ހުރި ގޮންޖެހުންތަކަކީ ސާފުކޮށް އެނގެން އޮތް ކަންކަން." އެފަރާތުން ބުންޏެވެ.
ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ޓޮރޭޒް، މެޓާ އާއި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ކޯޓަށް ހާޒިރުކުރީ 2023 ވަނަ އަހަރުއެވެ. އެއީ އޭނާގެ އޮފީހުން ހިންގި ސިއްރު އޮޕަރޭޝަނެއްގައި، އުމުރުން 14 އަހަރުން ދަށުގެ ކުދިންގެ ގޮތުގައި ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށްފަހުއެވެ.



