ޕާކިސްތާނުގެ ބަލޯޗިސްތާން ސަރަހައްދުގައި އަންހެނުން ވަގަށް ނެގުމާއި، ގަދަކަމުން ގެއްލުވާލުމުގެ ހާދިސާތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ސްޓްރިންގާ އޭޝިއާގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މީގެ ކުރިން މައިގަނޑު ގޮތެއްގައި ފިރިހެނުންނަށް އަމާޒުކޮށްގެން ހިންގަމުން އައި މި އަމަލުތައް މިހާރު ވަނީ އަންހެނުންނަށް އަމާޒުވާން ފަށާފައެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކިޔަވާ ކުދިންނާއި، މުދައްރިސުންނާއި، ޑޮކްޓަރުންގެ އިތުރުން އެކްޓިވިސްޓުންނާއި ކުރިން ގެއްލުވާލާފައިވާ މީހުންގެ އާއިލާގެ މެންބަރުން ވެސް ވަނީ ވަގަށް ނަގާފައެވެ. މި ހާދިސާތައް ހިނގާފައިވަނީ ގޭގެއަށް ވަދެގަނެގެންނާއި، ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިންނެވެ. ބައެއް ހާލަތްތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި، މިއީ ހަމައެކަނި ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކުރާ ކަމެއްގެ ބަދަލުގައި، މުޅި މުޖުތަމައު ކޮންޓްރޯލްކޮށް، އިހުތިޖާޖު ކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޭނުންކުރާ ވަސީލަތަކަށް މިހާރު ވަނީ ބަދަލުވެފައެވެ. މިއީ ޕާކިސްތާނުގެ ދައުލަތުގެ ސިޔާސަތަށް އައިސްފައިވާ ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި އދ. ގެ ތަޖުރިބާކާރުން އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ގަދަކަމުން މީހުން ގެއްލުވާލުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ޕާކިސްތާނުން ކަނޑަނޭޅުމާއި، މިކަން ކުރާ ފަރާތްތަކަށް އަދަބު ނުދެވުމަކީ މި ލާއިންސާނީ އަމަލު އިތުރަށް ފުޅާވުމަށް ލިބޭ ފުރުސަތެކެވެ.
ގެއްލުވާލެވޭ އަންހެނުންނަށް ޖިންސީ އަނިޔާއާއި، ނަފްސާނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ ވަކިވަކި ހާދިސާތަކެއްގެ ބަދަލުގައި، ނިޒާމީ ގޮތެއްގައި ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި މިހާރު ވަނީ ސިފަވެފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ކުށްވެރިކުރަމުން ދިޔަ ނަމަވެސް، މިކަމަށް އެދެވޭ ހައްލެއް ލިބުން އަދިވެސް އޮތީ ވަރަށް ދުރުގައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕާކިސްތާނުގައި މީހުން ގެއްލުވާލުމަކީ އަދިވެސް އިދިކޮޅު ފަރާތްތައް ފިއްތާލުމަށް ބޭނުންކުރާ މައިގަނޑު ހަތިޔާރެވެ.






