ކަނޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރު ޚިދުމަތަށް

ދިވެހި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިއްމު ކުރިއެރުންތަކެއް މިހާރު ވަނީ ހޯދިފައެވެ. ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުން

ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ތުރުކީ ވިލާތުގެ އެހީގައި މިހާތަނަށް ތަޢާރަފުކުރި އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ޚިދުމަތަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޓަސެޕްޓަރ ކްރާފްޓްތަކުގެ ތެރެއިން 3 އުޅަނދެއް މިހާރު ޚިދުމަތް ދެމުންދާއިރު، "މިއަހަރުގެ ތެރޭގައި އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަޕާން ސަރުކާރުގެ އެހީގައި ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ނިންމާފައިވާ ކަމަށާއި، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރުވެސް މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެ ކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ވައިގެ ބާރާއި މެރިންކޯ ތަރައްޤީކުރުން

ސިފައިންގެ ވައިގެ ބާރު ނުވަތަ އެއަރ ކޯ ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި ފުރަތަމަ އެއަރ ސްޓޭޝަން ބިނާކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ށ. ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެތަންވެސް ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމް.އެން.ޑީ.އެފްގެ މެރިންކޯއަށް އެންމެ ޒަމާނީ އާމަޑް ވެހިކަލްތައް މިދިޔަ އަހަރު ހޯދާފައިވާއިރު، މިއަހަރުގެ ތެރޭގައިވެސް މެރިންކޯގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!