ސަގާފީ އަދި ދީނީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން މެލޭޝިއާއިން އެމެރިކާއާއި ހުޅަނގު އެފްރިކާގެ ގައުމުތަކަށް ކީރިތި ގުރުއާނުގެ 40،000 ތަރުޖަމާ ފޮނުވައިފިއެވެ. މި ތަރުޖަމާތައް ފޮނުވާފައިވަނީ އެމެރިކާގެ ވޮޝިންޓަނަށާއި، އައިވަރީ ކޯސްޓް އަދި ގާނާއަށެވެ.
މި ހަރަކާތަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "ވަން މިލިއަން ގުރުއާން އެންޑޯމަންޓް ސޮލިޑަރިޓީ" މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި މަޝްރޫއުގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކި ބަސްބަހުން ތަރުޖަމާކޮށްފައިވާ ގުރުއާން ފޯރުކޮށްދިނުމެވެ.
މެލޭޝިއާގެ ދީނީ ކަންތައްތަކާ ބެހޭ ވަޒީރު ޒުލްކިފްލީ ހަސަން ވިދާޅުވީ، މި ތަރުޖަމާތައް ފޮނުވުމަކީ ހަމައެކަނި ތަކެތި ފޯރުކޮށްދިނުމެއް ނޫން ކަމަށާއި، މިއީ އިސްލާމީ ދައުވަތުގެ މުހިންމު މިޝަނެއް ކަމަށެވެ.
"މިއީ އިސްލާމްދީނަކީ އެންމެނަށް އޮތް ރަހުމަތެއްގެ ގޮތުގައި ބަލައިގަތުމަށް ބާރުއެޅުމަށް މެލޭޝިއާއިން އަދާކުރާ އިސް ދައުރެއް ރަމްޒުކޮށްދޭ ކަމެއް،" ޕުތްރަޖާޔާގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވިއެވެ.
މި ތަރުޖަމާތައް ފޮނުވާފައިވަނީ ނަސްރުލް ގުރުއާން ކޮމްޕްލެކްސް އާއި ރެސްޓޫ ފައުންޑޭޝަން އަދި ވަގުފް އެހީތެރިންގެ އެއްބާރުލުމާއެކުގައެވެ.
އެމެރިކާއަށް ފޮނުވި 20،000 ކޮޕީގައި ހިމެނެނީ އިނގިރޭސި، ސްޕެނިޝް އަދި ޔޫރަޕްގެ ބަސްބަހުގެ ތަރުޖަމާތަކެވެ. އަދި އައިވަރީ ކޯސްޓާއި ގާނާއަށް ފޮނުވި 20،000 ކޮޕީގައި ހިމެނެނީ ފްރެންޗް އަދި އިނގިރޭސި ތަރުޖަމާތަކެވެ.
ރެސްޓޫ ފައުންޑޭޝަންގެ އެގްޒެކެޓިވް ޗެއާމަން އަބްދުލް ލަތީފް މިރާސާ ވިދާޅުވީ، މެލޭޝިއާއަކީ ގުރުއާން ޗާޕްކުރުމާއި ތަރުޖަމާކޮށް ބެހުމުގެ ބައިނަލްއަގުވާމީ މަރުކަޒަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް އެކި އެޖެންސީތައް މެދުވެރިކޮށް 553،966 އަށްވުރެ ގިނަ ގުރުއާން ކޮޕީ ދުނިޔޭގެ އެކި ގައުމުތަކަށް ބަހާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.







