ދުބާއީއަށް ހަށިވިއްކަން ދާން އުޅުނު ދެ އަންހެނަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިމިގްރޭޝަނުން ކަރާޗީ އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި، ދުބާއީއަށް ހަށިވިއްކަން ދަތުރުކުރަން އުޅުނު ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މީގެ ތެރެއިން އެކަކީ ހަށިވިއްކާ މަސައްކަތްތައް ކުރާ ނެޓްވޯކަކާ ގުޅުން އޮތް މީހެއް ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެފްއައިއޭ އިން މައުލޫމާތު ދޭ ގޮތުގައި، މި ދެ އަންހެނުން ހުއްޓުވީ އިމިގްރޭޝަން ކްލިއަރެންސް މަރުހަލާގެ ތެރެއިންނެވެ. ސުވާލުކުރުމުގެ ތެރޭގައި އެ މީހުން ވަނީ ޓޫރިސްޓް ވިސާގައި ދަތުރުކުރަނީ ވަޒީފާ އަދާކުރުމުގެ ބޭނުމުގައި ކަމަށް ހާމަކޮށްފައެވެ. ފައިސަލްއާބާދަށް ނިސްބަތްވާ އަންހެން މީހާ ވަނީ އޭނާ އަކީ ޒިނޭކޮށްދޭ ނެޓްވޯކެއްގެ ބައެއް ކަމަށް އެއްބަސްވެފައެވެ.

މި މައްސަލައާ ގުޅިގެން އެފްއައިއޭ އިން ވަނީ މި ދަތުރުގެ ކަންކަން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު މީހާ ވެސް ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު މީހުންގެ އަތުން ފެނުނު މޯބައިލް ފޯނުތަކުން ވަޓްސްއެޕް ޗެޓްތަކާއި ވޮއިސް ނޯޓްތައް ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ހުރިހާ ތުހުމަތުކުރެވޭ ފަރާތްތަކެއް މިހާރު ވަނީ އިތުރު ތަހުގީގަށް އެންޓި ހިއުމަން ޓްރެފިކިން ޔުނިޓާ ހަވާލުކުރެވިފައެވެ. މިއީ އިންސާނީ ވަގުފާރިއާއި ވިސާ ފްރޯޑާ ދެކޮޅަށް އެފްއައިއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.

ހިއްސާ ކުރައްވާ!