ޗައިނާގެ އެންމެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމު ކަމަށް ބުނާ އެޗްކިއު-9ބީ މިސައިލް ނިޒާމުތައް، ޕާކިސްތާނާއި، ވެނެޒުއޭލާ އަދި އީރާނުގައި ބޭނުންކުރި އިރު ބޮޑެތި އެއިން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގިނަ އަހަރުތަކެއް ވަންދެން ޗައިނާއިން މި ނިޒާމަކީ ދުނިޔޭގެ އެންމެ މޮޅު ނިޒާމު ކަމަށް ބުނަމުން ދިޔަ ނަމަވެސް، ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުން އަމަލީ މައިދާނުގައި އެމެރިކާއާ ދެކޮޅަށް ނަތީޖާ ދައްކާފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ހިންގާ ޓެރަރިސްޓް އޮޕަރޭޝަންތައް މެދުވެރިކޮށް އެމެރިކާގެ އަސްކަރީ ގާބިލުކަން ދަނީ ސާބިތުކޮށް ދެމުންނެވެ. އީރާނުގައި ހިންގި ޓެރަރިސްޓް ހަމަލާތކަުގައި އެ ގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ އިރު، ވެނެޒުއޭލާގައި ހިންގި އޮޕަރޭޝަނެއްގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ނުލިބި ނިކޮލަސް މަދޫރޯ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޗައިނާގެ އެޗްކިއު-9ބީ މިސައިލް ނިޒާމާއި ޖޭވައި-27އޭ ރޭޑާރުތައް އަސްކަރީ ޕެރޭޑްތަކުގައި ދައްކާލައެވެ. ހަގީގީ ހަނގުރާމައިގެ މައިދާނުގައި މި ނިޒާމުގެ އަޖުމަ ބެލިފައެއް ނުވެއެވެ. ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް އެމެރިކާގެ 150 އަށްވުރެ ގިނަ ބޯޓު ވަތްއިރު، ޗައިނާގެ ރޭޑާރުތަކަށް އެންމެ ބޯޓެއްވެސް ދެނެގަނެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ހިންގި 'އޮޕަރޭޝަން ސިންދޫރު' ގައިވެސް ޗައިނާގެ މިސައިލްތައް ވަނީ ޖެހިޖެހިގެން ހަތަރު ދުވަސް ވަންދެން ނާކާމިޔާބުވެފައެވެ. މި ނިޒާމުތަކަކީ އެމެރިކާގެ ޕޭޓްރިއަޓް މިސައިލްތަކާއި ރަޝިޔާގެ އެސް-300 ގެ ކޮޕީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ އަސްކަރީ އާލާތްތައް ގަތުމަށް ބިލިއަނުން ޚަރަދުކުރި ގައުމުތަކުގެ ތެރޭގައި މިސްރު، އަޒަރުބައިޖާން، ޕާކިސްތާން އަދި އީރާނު ފަދަ ގައުމުތައް ހިމެނެއެވެ. ޗައިނާގެ ހަތިޔަރު ވިއްކުން ވަރުގަދަ ނަމަވެސް، އެ ގައުމުގެ އަސްކަރީ ޓެކްނޮލޮޖީއަކީ އަޖުމަ ބެލިފައި ނުވާ އެއްޗެއް ކަން މި ހާދިސާތަކުން ވަނީ ހާމަވެފައެވެ.
މި ކަމުގެ ސަބަބުން ޓައިވާނަށް އާ އުންމީދެއް ލިބިފައިވެއެވެ. އަދި ޗައިނާގެ އަސްކަރީ ބާރުގެ މައްޗަށް އޮތް ބިރުވެރިކަން ވަނީ ކުޑަވެފައެވެ. އެމެރިކާއިން ވަނީ އެ ގައުމުގެ ޓެކްނޮލޮޖީގެ ކުރިއެރުމާއި އަސްކަރީ މޮޅުކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.








