މެދުއިރުމަތީގައި އިގްތިސާދީ ބައިވެރިވުންތަކާއި، ހަކަތައިގެ ގުޅުންތަކުގެ އިތުރުން ޑިޕްލޮމެސީ ބޭނުންކޮށްގެން މަގާމު ވަރުގަދަކޮށްފައިވާ ޗައިނާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތަށް، އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ޖިއޯޕޮލިޓިކްސް މަންޒަރު ބަދަލުވަމުންދާއިރު، ބެއިޖިންގްގެ ސިޔާސަތުތައް ވަނީ މީގެ ކުރިން ކުރިމަތިނުވާ ފަދަ އިމްތިހާނަކާ ކުރިމަތިވެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއިން މަސައްކަތް ކުރަމުން އައީ އަސްކަރީ ކަންކަމުގެ ތެރެއަށް ނުވަދެ، އިންވެސްޓްމަންޓްތަކާއި، ތެލުގެ އެއްބަސްވުންތަކާއި އަދި ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ޗައިނާގެ މަގާމު ވަރުގަދަ ކުރުމަށެވެ. މިއީ ވޮޝިންޓަނުން ގެންގުޅޭ ހަން ފެތުރުމުގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑާ ހިލާފަށް، ސަން ޒޫގެ ނުސީދާ ބާރު ގެ މޮޑެލްއާ ގާތްކުރާ ސިޔާސަތެކެވެ.

ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރިއަށްގެންދާ ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ޗައިނާއަށް މި ބެލެންސް ވަނީ ގެއްލިފައެވެ. މި ހަމަލާތަކުގެ ސަބަބުން ހުރުމްޒް ކަނޑުއޮޅި މެދުވެރިކޮށް ދުނިޔެއަށް ފޯރުކޮށްދޭ ހަކަތައިގެ ސަޕްލައިއަށް ނުރައްކާވެ، އީރާނުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް ގެއްލުން ލިބި، ބެލްޓް އެންޑް ރޯޑްގެ މުހިންމު ކޮރިޑޯތަކަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.
ތެހެރާނާއެކު ގާތް އިގްތިސާދީ ގުޅުންތަކެއް ޗައިނާއިން ބޭއްވި ނަމަވެސް، ޗައިނާއިން މިހާތަނަށް ބާރުއަޅަމުންދަނީ ހަމައެކަނި މަސްރަހު ފިނިކުރުމަށެވެ. އެނަލިސްޓުން ވިދާޅުވާ ގޮތުގައި މިއީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ނުވަދެ، ބެއިޖިންގްގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރުމަށް ގެންގުޅޭ ސިޔާސަތެކެވެ.
މި މައްސަލައިގެ ސަބަބުން ޗައިނާގެ ސަރަހައްދީ ސިޔާސަތުގައި ހުރި ބަލިކަށިކަން ވަނީ ހާމަވެފައެވެ. އެއީ އިގްތިސާދީ ނުފޫޒަކީ އަސްކަރީ ބާރުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމެވެ. މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ބަދަލުވަމުންދާއިރު، ޖިއޯޕޮލިޓިކަލް ގޮތުން ނިންމުންތައް ނިންމާ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބެއިޖިންގްއިން ކުރާ އުންމީދުތަކަށް ވަނީ އާ ހުރަސްތަކެއް ކުރިމަތިވެފައެވެ.





