ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 155 ޑޮލަރަށްވުރެ މައްޗަށް: އިންޑިއާއިން ތެލުގެ އަގު ހިފަހައްޓައިފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިންޑިއާއިން އިމްޕޯޓްކުރާ ތެލުގެ އެވްރެޖް އަގު ފީފާއަކަށް 155 ޑޮލަރަށްވުރެ މައްޗަށް އެރި ނަމަވެސް، އެ ގައުމުގެ ރީޓެއިލް ބާޒާރުގައި ތެލުގެ އަގުތައް އެއްވަރެއްގައި ހިފަހައްޓައި ފިއެވެ. ހިންދުސްތާން ޓައިމްސްއިން ހަކަތައިގެ ދާއިރާގެ އިސްވެރިންނާ ހަވާލާދީ ބުނެފައިވަނީ، މެދުއިރުމަތީގެ ހާލަތު ގޯސްވުމުގެ ސަބަބުން ސަޕްލައިއަށް ބުރޫއަރާފައިވީ ނަމަވެސް އިންޑިއާއިން އަގުތަކަށް ބަދަލު ނުގެންނަ ކަމަށެވެ.

އިންޑިއާގައި ތެލުގެ އަގު ވަނީ ފީފާއަކަށް 156.29 ޑޮލަރަށް އަރާފައެވެ. މިއީ އާންމުކޮށް އަގު ހުންނަ މިންވަރަށްވުރެ އިތުރުވުމެކެވެ. އިންޑިއާއަށް ތެޔޮ އުފުލާ ޓޭންކަރުތަކަށް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

ސިނާއީ ދާއިރާގެ އިސްވެރިން ވިދާޅުވާ ގޮތުގައި، އަގަށް އައި މި ބޮޑު ބަދަލު މިހާރު ތަހައްމަލު ކުރަމުންދަނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ރިފައިނަރީތަކުންނެވެ. އަދި ގައުމުގައި ތެލުގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށާއި، އެހެންކަމުން މިވަގުތަށް ތެޔޮ ލިބުމުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ އޮއިލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހުޅަނގު އޭޝިއާގެ ހާލަތަށް ބަލައި، ކްރިޓިކަލް ސެކްޓަރުތަކުގެ ތައްޔާރީތައް ކަށަވަރުކުރުމަށް އިންޑިއާ ސަރުކާރުން ދަނީ ދުރާލާ ފިޔަވަޅުތައް އަޅަމުން،" ކަމަށެވެ. އަދި ހުރިހާ ރިފައިނަރީތަކެއް ފުރިހަމަ ކެޕޭސިޓީގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ޕެޓްރޯލާއި ޑީސަލްގެ އެކަށީގެންވާ ރިޒާވެއް ގައުމުގައި އެބަހުރި ކަމަށްވެސް މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓްކުރާ އިންޑިއާއަކީ ބޭނުންވާ ތެލުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް އިމްޕޯޓަށް ބަރޯސާވާ ގައުމެކެވެ. އިންޑިއާއިން 40 އަށްވުރެ ގިނަ ގައުމުން ތެޔޮ ގަންނަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރެއެވެ.

ހިއްސާ ކުރައްވާ!