އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް ހުރީ ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ލިބިދާނެ ގެއްލުންތަކުން ދިފާއުވުމަށް އެކަށީގެންވާ މިންވަރެއްގައި ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބުނެފިއެވެ.
އާރުބީއައި އިން ނެރުނު މަހު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުން މުހިންމެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުތަކަށް އަންނަ ބަދަލުތަކުން އިންޑިއާގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި އަހަރު ފެށުނީއްސުރެ އިންޑިއާގެ ފައިސާ، ރުޕީސްގެ އަގު ވަނީ ގާތްގަނޑަކަށް 4 އިންސައްތަ ދަށަށް ގޮސްފައެވެ. މިގޮތުން މިދިޔަ ހޯމަ ދުވަހު އެމެރިކާ ޑޮލަރަކަށް ޖެހޭ ރުޕީސްގެ ރޭޓު ވަނީ 93.98 އަށް އަރައި، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ.
ރުޕީސްގެ އަގު އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ފޮރިން ރިޒާވުން ގިނަ އަދަދަކަށް ޑޮލަރު ވިއްކާފައެވެ. މިއީ ފައިސާގެ އަގު ހިފެހެއްޓުމަށާއި ބާޒާރުގެ ހަމަޖެހުން ގާއިމުކުރުމަށް އެ ބޭންކުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.



