އެމެރިކާއިން ޑޭޓާއިން ވައްކަން ނުކުރާނެތޯ ޔަގީން ކުރަނީ

އީލޮން މަސްކްގެ "ސްޓާލިންކް" އިން ސެޓަލައިޓް މެދުވެރިކޮށް ފޯރުކޮށްދޭ އިންޓަނެޓްގެ ޚިދުމަތް ޕާކިސްތާނުގައި ފެށުމަށް ދޭންޖެހޭ ލައިސަންސް ދޫކުރުން އެ ގައުމުގެ ސަރުކާރުން މަޑުޖައްސާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޑޭޓާގެ ރައްކާތެރިކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާއި، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން ޗައިނާގެ ކުންފުނިތަކާ ދެމެދު އޮތް ވާދަވެރިކަމަށް ރިއާޔަތްކޮށް ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާން ރިޕޯޓްކުރެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ސްޓާލިންކްގެ ނިޒާމުގެ ސަބަބުން އެ ގައުމުގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި މޮނިޓަރިންގް ނިޒާމުތަކަށް ނޭނގި ޑޭޓާ އިން ވައްކަން ކޮށް ބޭރު ކުރުމުގެ ފުރުސަތު އޮވެއެވެ. މިއީ ގައުމީ ސަލާމަތާއި ފާރަވެރި ވުމުގެ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން ދެކެއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ސްޓާލިންކް މެދުވެރިކޮށް ނާޒުކު މަޢުލޫމާތުތަކަށް ވާސިލްވެވިދާނެ ގޮތްތައް ބަލައި ތަހުލީލުތަކެއް ވެސް ކޮށްފައެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީލޮން މަސްކާ ދެމެދު އޮންނަ ގުޅުމަކީ ވެސް ޕާކިސްތާނުން މިކަމުގައި ފަސްޖެހޭ ސަބަބެކެވެ. އިސްލާމްއާބާދުން ޖެހިލުންވަނީ ވޮޝިންޓަނުން ކުރިމަތިވެދާނެ ސިޔާސީ ފިއްތުންތަކާއި ފާރަވެރިވުމުގެ ސަބަބުން އެ ގައުމުގެ މިނިވަން ނިންމުންތަކަށް ބުރޫއަރާފާނެތީއެވެ.

މިހާރު ޕާކިސްތާނުގެ އިންޓަނެޓް ޓްރެފިކް މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރަނީ ޕާކިސްތާން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ ލިމިޓެޑް (ޕީޓީސީއެލް) މެދުވެރިކޮށް ކަނޑުއަޑީގެ ކޭބަލްތަކުންނެވެ. ނަމަވެސް، ބަލޮޗިސްތާން ފަދަ ދުރު ހިސާބުތަކުގައި ސެޓަލައިޓް އިންޓަނެޓް ބޭނުންކުރަން ފެށުމުން، މިހާރު އޮތް ފަދަ ވަރުގަދަ ކޮންޓްރޯލެއް ނުބޭއްވޭނެ ކަމުގެ ބިރު އޮފިޝަލުން ވަނީ ފާޅުކޮށްފައެވެ.

ސްޓާލިންކްގެ އިތުރުން ޗައިނާގެ "ޝަންހާއީ ސްޕޭސްކޮމް ސެޓަލައިޓް ޓެކްނޮލޮޖީ" އާއެކު ޖުމްލަ ފަސް ކުންފުންޏަކުން ވަނީ ޕާކިސްތާނުގައި ސެޓަލައިޓް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސަށް އެދިފައެވެ. ޕާކިސްތާން ސްޕޭސް އެކްޓިވިޓީޒް ރެގިއުލޭޓަރީ ބޯޑުން ހާމަކުރި ގޮތުގައި، ލައިސަންސް ދޫކުރުމުގެ އޮނިގަނޑު ފައިނަލް ކުރުމުގެ ކުރިން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި އަދި އިތުރު ވަގުތު ބޭނުންވެއެވެ.

 

ހިއްސާ ކުރައްވާ!