ބަލޫޗިސްތާން: ޖިއޮގްރަފީއާއި، ޝަކުވާތަކާއި، އިތުބާރު ނެތުމުގެ ތެރެއިން ކުރިއަށްދާ ހަމަނުޖެހުން

ޓެރަރިސްޓް ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިން އެ ސަރަހައްދުގެ އެކި ސިޓީތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކާއެކު، ބަލޫޗިސްތާނުގެ މައްސަލަ އަނެއްކާވެސް ވަނީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައެވެ. ނުޝްކީގައި ދިން ބޮޑު ހަމަލާއާއެކު ފެށުނު މި ހަމަނުޖެހުންތަކުން ހާމަވަނީ، މިއީ ހަމައެކަނި ސަލާމަތީ ފިޔަވަޅުތަކުގެ ބަލިކަށިކަމުން ދިމާވާ ކަމެއް ނޫން ކަމާއި، މީގެ ފަހަތުގައި ތާރީޚީ، ޖިއޮގްރަފީ އަދި ސިޔާސީ ގޮތުން އުފެދިފައިވާ އިތުބާރު ނެތުމުގެ ބޮޑު މައްސަލަތަކެއް ހުރި ކަމެވެ.

ޕާކިސްތާނުގެ ބިމުގެ 44 އިންސައްތަ ހިއްސާކުރާ ބަލޫޗިސްތާނަކީ 15 މިލިއަނަށްވުރެ މަދު އާބާދީއެއް އޮތް ސަރަހައްދެކެވެ. އެ ސަރަހައްދުގެ ފުޅާ ސަހަރާތަކާއި، ފަރުބަދަތަކުގެ އިތުރުން ބޯޑަރުތައް ބެލެހެއްޓުމުގައި ހުރި ދަތިތަކުގެ ސަބަބުން ހަނގުރާމަވެރިންނަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ފަސޭހަތަކެއް ލިބެއެވެ. މީގެ އިތުރުން، އެ ސަރަހައްދުން ފެންނަ ރަނާއި، ލޮޔާއި، ކޯލާ ދެލި އަދި  ގޭހުގެ މުއްސަނދިކަމަކީވެސް ހަމަނުޖެހުންތަކުގެ އަސްލެކެވެ. އެ ސަރަހައްދުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ގައުމީ ތަރައްގީގެ ނަމުގައި ކުރެވޭ މަސައްކަތްތަކުން އެ މީހުންގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.

ބީ.އެލް.އޭ އިން ދިން ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށާއި، ސަރަހައްދުގެ ކޮންޓްރޯލް އަލުން ހޯދާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ އަސްކަރީ ކާމިޔާބީތަކަކީ އެ ސަރަހައްދަށް ދާއިމީ ހަމަޖެހުމެއް ގެނެވޭނެ ކަމެއް ނޫނެވެ.

ބަލޫޗިސްތާނުގެ ހަމަނުޖެހުންތަކަކީ 1948 ވަނަ އަހަރު ޕާކިސްތާނާ ގުޅުމަށް ނިންމި ނިންމުމާ ހިސާބުން ފެށިގެން އައިސްފައިވާ ކަމެކެވެ. އޭގެ ފަހުން 1958، 1960، 1970 އަދި 2000 ގެ އަހަރުތަކުގައިވެސް އެކި ފަހަރު މަތިން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. މިކަންކަމުގެ އަސްލަކީ ސިޔާސީ ގޮތުން އެކަހެރިކުރުމާއި، ވަސީލަތްތަކުގެ ބޭނުން ހަމަހަމަ ގޮތެއްގައި ނުހިފުމެވެ. ހަމައެއާއެކު، އާންމުންނަށް އަމާޒުކޮށް ހަނގުރާމަވެރިން ދޭ ހަމަލާތަކާއި، ދައުލަތުގެ ފަރާތުން ހިންގާ ކަމަށް ބުނާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

އެނަލިސްޓުން ފާހަގަކުރާ ގޮތުގައި ހަމައެކަނި ތަރައްގީގެ މަޝްރޫއުތަކަކުން މި މައްސަލައަށް ހައްލެއް ނުލިބޭނެއެވެ. ރެކޯ ޑިކް އަދި ސީޕެކް ފަދަ ބިޔަ މަޝްރޫއުތަކަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ރުހުމާ ނުލައި ހިންގާ މަޝްރޫއުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މާނަހުރި ސިޔާސީ މަޝްވަރާތަކާއި، ދެފުށް ފެންނަ ޖަވާބުދާރީވުމެއް ނެތި، އިގްތިސާދީ މަސައްކަތްތަކުން ކުރާނީ ނޭދޭ އަސަރެވެ.

ނުޝްކީގައި ދިން ހަމަލާތަކުން އެނގިގެންދަނީ ހަމައެކަނި ސަލާމަތީ ފިޔަވަޅުތަކަށް ބަރޯސާވުމުގެ ނަތީޖާއެވެ. އަސްކަރީ އޮޕަރޭޝަންތަކުން ހަނގުރާމަވެރިންގެ ނެޓްވޯކްތައް ބަލިކޮށްލެވުނު ކަމުގައި ވިޔަސް، ދާއިމީ ސުލްހައެއް ގާއިމުކުރެވޭނީ އިތުބާރު އުފައްދައި، ސިޔާސީ ޝަކުވާތަކަށް ހައްލު ހޯދައިދީގެންނެވެ. މި މައްސަލައަކީ ހަމައެކަނި ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ނުބަލައި، ސިޔާސީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ނޫނީ މި އަނިޔާވެރިކަމުގެ ބުރު ނިމުމަކަށް ނާންނާނެއެވެ.

ހިއްސާ ކުރައްވާ!