ކަޝްމީރު އަންހެނުން، އެމީހުންގެ ފަށްޓަރު ބައުި އީރާނު ހަނގުރާމައަށް ސަދަގާތް ކުރަނީ

އިސްރާއީލާއި އެމެރިކާގެ ޓެރަރިޒަމާ ދެކޮޅަށް އީރާނުން ކުރަމުންދާ ދިފާއީ ހަނގުރާމައިގައި އީރާން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުން އެހީގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ. މި ހަރަކާތަކީ އީރާނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މީޑއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަކިން ޚާއްސަކޮށް އަންހެނުން ދަނީ ރަނާއި، ފައިސާގެ އިތުރުން ރަަތުލޯގެ ބަދިގެ ސާމާނާއި އެހެނިހެން އަގުބޮޑު ތަކެތި ހަދިޔާކުރަމުންނެވެ. މި އެހީތައް އެއްކުރުމަށްޓަކައި ކަޝްމީރުގެ ވާދީގެ އެކި ހިސާބުތަކުގައި ކޭމްޕްތައް ޖަހާފައިވާއިރު، މީގެ ތެރެއިން ގިނަ ކޭމްޕްތައް ހުރީ ޝިއައީ މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދުތަކުގައެވެ.

މި ހަރަކާތުގައި 7 އަހަރުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ހުރިހާ އުމުރެއްގެ މީހުން ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. ގިނަ ބަޔަކު ދަނީ އެމީހުންގެ އަމިއްލަ މުދަލާއި ތަކެތި އީރާނަށް އެހީވުމަށްޓަކައި ދޫކޮށްލަމުންނެވެ. މިއީ މީގެ ކުރިން އެ ސަރަހައްދުން ފެނިފައިނުވާ ފަދަ ބޮޑު އެހީގެ ހަރަކާތެކެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންވެސް ކަޝްމީރުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ވެސް ބާއްވާފައެވެ. ޖައްމޫ އެންޑް ކަޝްމީރުގައި ގާތްގަނޑަކަށް 1.5 މިލިއަން ޝިއައީ މުސްލިމުން އުޅޭއިރު، މިއީ އެ ސަރަހައްދުގެ އާބާދީގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިހާރު ފެށިގެން އުޅޭ އެހީގެ ހަރަކާތުގައި ސުންނީ މުސްލިމުންވެސް ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!