އިސްރާއީލާއި ގަލްފުގެ 6 ގައުމެއްގެ ދަގަނޑު އުފައްދާ ކާރުޚާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ ދަގަނޑު އުފައްދާ މައި ދެ ކާރުޚާނާއަކަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން، އިސްރާއީލާއި ގަލްފުގެ 5 ގައުމެއްގައި ހުރި ދަގަނޑު އުފައްދާ ބޮޑެތި ކާރުޚާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން އޮންނަ މީޑިއާތަކުންނެވެ.

އީރާނުގެ މުބާރަކޭ ސްޓީލް އާއި ޚޫޒެސްތާން ސްޓީލް ކާރުޚާނާއަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ނިއުސް އެޖެންސީން ވަނީ ހަމަލާދޭނެ އަމާޒުތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި މި އަމާޒުތައް ކަނޑައަޅާފައިވަނީ ސަރަހައްދީ ގައުމުތަކުގެ ސިނާއީ ގާބިލުކަމަށް ބެލުމަށްފަހު ފީލްޑް އިންޓެލިޖެންސްގެ އެހީގައެވެ.

އަމާޒުކުރާނެ ކާރުޚާނާތަކުގެ ލިސްޓް

އީރާނުން ހަމަލާދޭނެ ކަމަށް ބުނެފައިވާ ކާރުޚާނާތަކުގެ ތެރޭގައި ހިމެނެނީ:

  • ސައުދީ އަރަބިއްޔާ: ހަދީދު (ސާބިކް) ކާރުޚާނާ
  • ޔޫއޭއީ: އެމިރޭޓްސް ސްޓީލް އަރްކާން
  • ގަތަރު: ގަތަރު ސްޓީލް
  • ބަހްރޭން: ފޫލާތު (ސުލްބް)
  • ކުވެއިތު: ކުވެއިތު ސްޓީލް
  • އިސްރާއީލު: ޔަހޫދާ ސްޓީލް

މި ކާރުޚާނާތަކަކީ އަހަރަކު އެއް މިލިއަނާއި ހަ މިލިއަން ޓަނާ ދެމެދުގެ ދަގަނޑު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަންތަނެވެ. އީރާނުން ވަނީ މި ތަންތަނުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭ އިންފޯގްރަފިކްތަކެއްވެސް އާންމުކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އީރާނުގެ ކާރުޚާނާތަކަށް ހަމަލާދިނީ އެތަންތަނަކީ މިސައިލް އުފެއްދުމަށް ބޭނުންވާ ސާމާނު ތައްޔާރުކުރާ އަސްކަރީ މަސައްކަތްތަކާ ގުޅުންހުރި ތަންތަނަށް ވާތީއެވެ. ނަމަވެސް އީރާނުން މިކަން ސިފަކުރަނީ އެގައުމުގެ އިގްތިސާދީ ބިންގަލަށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އީރާނުގެ އޮފިޝަލުން މީގެ ކުރިންވެސް ވަނީ އެގައުމުގެ ހަކަތައާއި ސިނާއީ މަރުކަޒުތަކަށް ހަމަލާދީފިނަމަ، ސަރަހައްދުގެ އެހެން ގައުމުތަކުގެ އެފަދަ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!