ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ބައިނަލްއަގްވާމީ ކަނޑުގެ ބާރެއް އުފެއްދުމަށް ޔޫއޭއީން މަސައްކަތް ކުރަނީ

އީރާނަށް އެމެރިކާ އަދި އިސްރާއީލުން ދެމުންދާ ޓެރަރިސްޓް ހަމަލަތަކުން ދިފާއު ވުމަށް އީރާނުން ބަންދު ކޮށްފައިވާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވައި، އާގުބޯޓުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ކަނޑުގެ ބާރެއް އުފެއްދުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ބާރުއަޅަމުންދާ ކަމަށް ޔޫކޭގެ ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

"ހުރުމުޒް ސެކިއުރިޓީ ފޯސް" ގެ ނަމުގައި އުފެއްދުމަށް އިސްރާއީލުގެ މުހިންމު ބައިވެރިޔާ ހުށަހަޅާފައިވާ މި ކޯލިޝަނުގައި ބައިވެރިވުމަށް ޔޫއޭއީން ދަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކަށް ލޮބީ ކުރަމުންނެވެ. މި ފޯސްގެ ދަށުން އާގުބޯޓު ފަހަރަށް މަގު ދައްކައި ދިނުމަށް ޔޫއޭއީގެ އަމިއްލަ ކަނޑުގެ ސިފައިން ނެރުމަށް ތައްޔާރަށް އޮތްކަން އަބޫދާބީން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް މި ހުށަހެޅުމަށް ރަސްމީކޮށް ތާއީދުކޮށްފައިވަނީ ގަލްފްގައި އޮންނަ ބަޖިޔާއެއް ވަރުގެ ކުޑަ ގައުމު ކަމަށްވާ ބަހްރޭނުން އެކަންޏެވެ. ޔޫއޭއީ އާއި ބަހްރޭން ގުޅިގެން މި ފޯސްއަށް ބައިނަލްއަގުވާމީ ގާނޫނީ ހައިސިއްޔަތު ހޯދުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ގަރާރެއްގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، ސަލާމަތީ މަޖިލީހުގައި ރަޝިޔާ އަދި ޗައިނާގެ ފަރާތުން ކުރިމަތިވެދާނެ ހުރަސްތަކަކަށްޓަކައި ބައެއް ގައުމުތަކުން މިކަމުގައި ފަސްޖެހެއެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ 20 އިންސައްތަ ހުރަސް ކުރާ ހުރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ބުރޫއަރާފައިވަނީ، ސޮލީބީ ސަހުޔޫނީ ޓެރަރިސްތް ހަމަލަތަކެއްގައި އީރާނުގެ ލީޑަރު އަލީ ޚާމަނާއީއާއި އެހެން ލީޑަރުން އަވަހާރަ ކޮށްލައި އިރާނުގެ ސިނާއީ މަރުކަޒުތަކާއި ސްކޫލުތަކާއި ހަސްފަތާލަށް އަދި ސައިންޓިސްޓުންނަށް އަމާޒުކޮށް ދެމުންދާ ހަމަލަތަކާ ގުޅިގެންނެވެ. މި ހަމަލަތައް ދިނުމަށް އެމެރިކާ އުދުހިގެން އަންނަނީ އަރަބި ގައުމުތަކުންނެވެ. އީރާނުން ދަނީ ދިފާއުގައި އެގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ނައްތާލައި ސާފުކޮށްލަމުންނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ އެމެރިކާ ނުވަތަ އިސްރާއީލާ ގުޅުންހުރި ބޯޓުފަހަރު ހުރުމުޒުން ދަތުރުކުރުން މަނާ ކޮށްފައެވެ.

އިސްރާއީލަށް އަތް ގާތްކޮށްދޭ ޔޫއޭއީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އީރާނުގެ މި އަމަލުތަކަކީ "އިގްތިސާދީ ބިރު ދެއްކުމެއް" ކަމަށެވެ. އީރާނަށް ނުރައްކާ ކުރުމުން އީރާނުން ވަނީ ޔޫއޭއީގެ ވިޔަފާރިތަކަށް ބުރޫ އަރުވައި ފައިސާގެ ދަތިކަން ކުރިމަތިވާ ގޮތަށް ހަދައި، ސަރަހައްދީ ވިޔަފާރިތަކަށް ހުރަސް އަޅާފައެވެ.

އީރާނުގެ ހަމަލަތަކުގެ ވަރުގަދަ ކަމާއެކު މި ގައުމުތަކުން ޓްރިލިއަން ޑޮލަރު ހޭދަކޮށް އެމެރުިކާ ކިބައިން ހޯދި ރައްކާތެރިކަން ވަނީ ބިލާހަކަށް ވެފައެވެ.

 

ހިއްސާ ކުރައްވާ!