ޗައިނާގެ ކަނޑުއަޑީގެ ހަރަކާތްތަކަކީ ސްރީލަންކާގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެފި

ޗައިނާއިން ދުނިޔޭގެ ކަނޑުގެ ސަރަހައްދު މ،ެޕް ކުރަމުންދާ ކަމަށް ރޮއިޓާސްއިން ބުނެއެވެ. މި ކަން ޗައިނާއިން ކުރަމުން ދަނީ އިންޑިއާ ކަނޑާއި ޕެސިކް އަދި ދެކުނު ޗައިނާ ކަނޑާއި ކަނޑުއޮޅިތަކުގައެވެ. މި މަސައްކަތުގެ މަގްސަދަކީ ރޮއިޓާސްއިން މިއަދު ބުނިގޮތުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް އުޅޭ ތަންތަން ދަނެގަތުމެވެ.

އިންޑިއާ ކަނޑުގެ އަޑި މެޕްކުރުމަށް ކުރިއަށްގެންދާ "ސައިންޓިފިކް ރިސާޗް" ގައި ސްރީލަންކާއާއި ރާއްޖެއާ ކައިރި ހިސާބުތައް ޗައިނާއިން ދިރާސާ ކުރެއެވެ. އެއީ ޗައިނާގެ ވިޔަފާރި މަގުތައް ކަމަށްވެސް ބުނެފައި ވެއެވެ. މި ކަމަކީ އެމެރިކާއާއެކު ކުރިމަތިވެދާނެ ކަނޑުއަޑީގެ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ރޮއިޓާސް އިން ނެރުނު ތަހުގީގީ ރިޕޯޓެއްގައި ހާމަކުރެއެވެ. މި ރިޕޯޓާއެކު ސްރީލަންކާގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމުގެ އިންޒާރު ވެސް ތަޖުރިބާކާރުން ދަނީ ދެމުންނެވެ.

ރޮއިޓާސްގެ ރިޕޯޓުގައިވާ ގޮތުން ޗައިނާގެ ސާވޭ އުޅަނދުތަކުން އެއްކުރަމުންދާ ކަނޑުގެ އަޑީގެ ހައިރިޒޮލިއުޝަން ޑޭޓާ، ފެނުގެ ފިނިހޫނުމިން އަދި ލޮނުކަން ހުންނަ މިންވަރަކީ ކުރިމަގުގައި ކުރިމަތިވެދާނެ ކަނޑުއަޑީގެ ހަނގުރާމަތަކުގެ ސުމޭކް މައި ބަދަކަމަށް ބުނެފައި ވެއެވެ. ބެއިޖިންގް އިން މި މަސައްކަތްތަކަކީ މަދަނީ ދިރާސާތަކެއްގެ ގޮތުގައެވެ. ނަމަވެސް، މިއީ ސަބްމެރިންތައް ދަތުރުކުރުމަށާއި ކަނޑުއަޑީގައި ސެންސަރުތައް ހަރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސްރީލަންކާގެ ބަނދަރުތަކަށް މިފަދަ އުޅަނދުތައް  ކައިރިކުރުމާއި، އެ ގައުމުގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމަކީ ލަންކާއަށް ދެން ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޗައިނާގެ މި ހަރަކާތްތަކުގެ ސަބަބުން، ކުރިމަގުގައި ހިނގައިދާނެ ހަނގުރާމައެއްގެ މައިދާން މެޕްކުރުމަށް ބޭރުގެ ބާރަކަށް ފުރުސަތު ލިބިގެންދާނެއެވެ.

ދިފާއީ މާހިރުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ޗައިނާގެ ކަނޑުގެ ސްޓްރެޓެޖީގައި މަދަނީ ދިރާސާތަކާއި އަސްކަރީ ޖާސޫސީ މައުލޫމާތާ ދެމެދު އެއްވެސް ފަރަގެއް ނޯވެއެވެ. އެހެންކަމުން، ލަންކާގެ ކަނޑުގެ ސަރަހައްދުން މެޕްކުރެވޭ ކޮންމެ ނޯޓިކަލް މޭލަކީ ޗައިނާގެ ނިއުކްލިއާ ސަބްމެރިންތަކަށް ސަރަހައްދީ ސަލާމަތީ ބާރުތަކަށް ނޭނގި ހަރަކާތްތެރިވުމަށް ލިބޭ ފުރުސަތެކެވެ.

މިފަދަ ދިރާސާތަކަށް ފުރުސަތު ދިނުމުގެ ސަބަބުން ސްރީލަންކާއިން ގެންގުޅޭ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތާ ހިލާފުވެ، އަވަށްޓެރި އިންޑިއާއާއި ބައިނަލްއަގުވާމީ މުޖުތަމައާއެކު އޮތް ގުޅުމަށް ބުރޫއަރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މިއީ އިންޑިއާ ކަނޑުގައި އުފެދެމުންދާ ހިޔަނި ހަނގުރާމަ ލަންކާގެ ސިޔާދަތީ ސަރަހައްދަށް ވެއްދުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ޗައިނާގެ ރިސާޗް ހަރަކާތްތަކަށް ވަގުތުން ވަގުތަށް ދާއިމީ ގޮތަކަށް މަޑުޖައްސާލުމެއް އިއުލާންކުރުމަށް ގޮވާލުންތައް ދަނީ އިތުރުވަމުންނެވެ. އިންޑިއާ ކަނޑަކީ ސުލްހަވެރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، ބޭރުގެ އަސްކަރީ ބާރުތަކުގެ ތަޖުރިބާކުރާ ތަނަކަށް ލަންކާގެ ކަނޑުގެ ސަރަހައްދު ވިޔަނުދިނުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!