އީރާނުގެ އިސްލާމީ އިންގިލާބީ ސިފައިން (އައި.އާރު.ޖީ.ސީ) އިން، އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށް ބޮން އަޅާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިސް ލީޑަރުން އަވަހާރަކޮށްލުމުގެ އަމަލުތައް ތަކުރާރުވާނަމަ، އެޕަލް، ގޫގުލް، މެޓާ އަދި ޓެސްލާ ފަދަ ކުންފުނިތަކަށް ހަމަލާދޭނެ ކަމަށެވެ.
އީރާނުގެ އިންގިލާބީ ސިފައިން ހާމަކުރި ގޮތުގައި، މީގެ ކުރިން މިކުންފުނިތަކަށް ދީފައިވާ އިންޒާރުތަކަށް އިހުމާލުވެފައިވާ ކަމަށާއި، އީރާނުގެ ފަސްގަނޑަށް އަމާޒުކޮށް ދެވުނު ހަމަލާތަކުގައި އާންމުންގެ ބަޔަކު މަރުވެފައިވާ ކަމަށެވެ. މި ބަޔާނުގައި ބުނެފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނިތަކަކީ، އީރާނުގެ އިސް ފަރާތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް ރާވައި ދިނުމާއި އަދި ފާރަވެރިވުމުގައި އެހީތެރިވާ މައިގަނޑު ފަރާތްތައް ކަމަށެވެ. އެހެންކަމުން، މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކަކީ ހަމަލާދިނުން ހުއްދަ "ޝަރުއީ އަމާޒުތަކެއް" ކަމަށް މިހާރު އީރާނުން ކަނޑައަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އީރާނުން އަމާޒުކުރާނެ ކަމަށް ބުނާ ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓް، އިންޓެލް، އޮރެކަލް، އައި.ބީ.އެމް، ސިސްކޯ، އެޗް.ޕީ، ޑެލް، އެންވީޑިއާ، ޕަލަންޓިއާ، ޖޭ.ޕީ މޯގަން، ޖެނެރަލް އިލެކްޓްރިކް އަދި ބޮއިންގް ކުންފުނިތައް ހިމެނެއެވެ. މީގެ އިތުރުން ސަރަހައްދީ ބައެއް ކުންފުނިތައް ކަމަށްވާ ސްޕަޔާ ސޮލިއުޝަންސް އާއި ޖީ42 (އަށްވެސް ވަނީ އިންޒާރުދީފައެވެ.
އައި.އާރު.ޖީ.ސީ އިން ވަނީ މި ކުންފުނިތަކުގެ މުވައްޒަފުންގެ ސަލާމަތަށްޓަކައި އޮފީސްތައް ދޫކޮށް ދިއުމަށާއި، މިފަދަ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެ ތަންތަނާ މަދުވެގެން އެއް ކިލޯމީޓަރު ދުރަށް ޖެހުމަށް އަންގާފައެވެ.
އިންގިލާބީ ސިފައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ތެރޭގައި ސޮލީބީ ސަހުޔޫނީ ބާރުތަކުން ހިންގާ ކޮންމެ ޓެރަރިސްޓް އޮޕަރޭޝަނަކާ ގުޅިގެން، އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އީރާނުގެ ގަޑިން ރޭގަނޑު 8:00 ން ފެށިގެން، ގަލްފްގެ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ އިމާރާތްތަކާއި އޮފީސްތައް ސުންނާފަތި ކުރާނެ ކަމަށް ބަލަންވާނެއެވެ. ނަމަވެސް، މި ހަމަލާތައް ދޭނީ ކޮން ސަރަހައްދުތަކަކަށް ކަމެއް ނުވަތަ ހަމަލާ ދޭނެ ގޮތެއް އެ ބަޔާނުގައި ތަފްސީލުކޮށްފައެއް ނުވެއެވެ.






