އެމެރިކާގެ ދިފާއީ ވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެއްޖެ

މުލައްދަނޑީގައި ކާފަރެއް ކަމަށް ލިޔެގެން މުސްލިމުންނާ ދެކޮޅަށް ސޮލީބީ ހަނގުރާމައެއްގައި އުޅޭ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު، ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ޓެރަރިސޓް ހަމަލާތަކެއް ދޭން ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައި، ހަނގުރާމަވެރި އާލާތްތައް އުފައްދާ ކުންފުނިތަކެއްގައި އިންވެސްޓްކުރަން އުޅެފައެވެ.

"ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯގަން ސްޓެންލީ ބޭންކުގައި ހުންނަ ހެގްސެތުގެ އިންވެސްޓްމަންޓް ބްރޯކަރު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި "ބްލެކް ރޮކް" ކުންފުންޏާ މުއާމަލާތްތަކެއް ކޮށްފައެވެ. މި މުއާމަލާތަކީ ދިފާއީ ސިނާޢަތުގެ ކުންފުނިތަކަށް ޚާއްސަ "އައިޑެފް" ފަންޑުގައި އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރުމާ ގުޅޭގޮތުން ހިންގާފައިވާ މުއާމަލާތްތަކެކެވެ.

މި އިންވެސްޓްމަންޓް ކުރަން އުޅުނު ކަމަށް ބުނާ ދަނޑިވަޅަކީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޓެރަރިސްޓް ހަމަލަތަކެއް ދޭން ފެށުމަށް ތައްޔާރުވަމުންދިޔަ ދުވަސްވަރެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އެމެރިކާގެ ދިފާއީ ވުޒާރާ އިން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ "އައިޑެފް" ފަންޑަކީ 3.2 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓް ފަންޑެކެވެ. މި ފަންޑުން އެންމެ ބޮޑަށް އިންވެސްޓްކުރާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ދިފާއީ ވުޒާރާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަދި އެ ވުޒާރާގެ އެންމެ ބޮޑު ކްލަޔަންޓުން ކަމުގައިވާ 'ލޮކްހީޑް މާޓިން’، 'އާރް.ޓީ.އެކްސް’، 'ނޯތުރޮޕް ގްރުމަން' އަދި ޑޭޓާ އިންޓަގްރޭޝަނަށް ޚާއްސަ ޔަހޫދީ ކުންފުނި 'ޕަލަންޓިއަރ' ފަދަ ކުންފުނިތައް ހިމެނެއެވެ.

ފައިނޭންޝަލް ޓައިމްސްއިން ބުނެފައިވާ ގޮތުގައި، އެ ވަގުތު މޯގަން ސްޓެންލީގެ ކްލަޔަންޓުންނަށް އެ ފަންޑު ހުޅުވާލެވިފައި ނެތުމުގެ ސަބަބުން، މި އިންވެސްޓްމަންޓް މުއާމަލާތް ފުރިހަމަ ވެފައެއް ނުވެއެވެ. އެހެންނަމަވެސް، އެމެރިކާގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން، އަސްކަރީ ކުރިމަތިލުމަކަށް ގައުމު ތައްޔާރުވަމުންދިޔަ ވަގުތެއްގައި، ހަނގުރާމައިގެ ސަބަބުން މާލީ ފައިދާ ލިބޭނެ ކުންފުނިތަކެއްގައި ދިފާއީ ވަޒީރު އިންވެސްޓްކުރަން އުޅުމަކީ އޭނާގެ ނަޒާހަތްތެރިކަން ނެތް ކަން ދައްކައިދޭ ކަމެއް ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅިގެން ހެގްސެތުގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދަން އުޅުނުކަމުގެ ތުހުމަތުތައް އަމާޒުވެފައެވެ.

ހިއްސާ ކުރައްވާ!