ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދީ، އީރާން ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހަދައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި، އެމެރިކާގެ އެންމެ ގާތް އެކުވެރި ޔޫރަޕްގެ ގައުމުތަކުން ޓްރަމްޕަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފިއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ޔޫރަޕްގެ ވައިގެ ސަރަހައްދު ބޭނުންކުރުމާއި، އެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލާތަކަކީ ޔޫރަޕްގެ ގައުމުތަކާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް ފެށި ހަމަލާތަކެކެވެ. މި ހަމަލާތައް ފެށުނުތާ މިހާރު ފަސް ހަފުތާވެފައިވާއިރު، ހަނގުރާމަ ހުއްޓޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށެއް ނެތެވެ. މީގެ އިތުރުން، އެމެރިކާގެ އެތައް ހާސް ސިފައިންނެއް މި ސަރަހައްދަށް ޖަމާވަމުންދާތީ، އެމެރިކާއިން އީރާނަށް އަރައިގަނެފާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.


މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފްރާންސުން އެމެރިކާގެ ހަތިޔާރު އުފުލާ ބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އިޓަލީ ސަރުކާރުންވެސް ވަނީ އެމެރިކާގެ ބޮން އަޅާ ބޯޓުތައް އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ޖެއްސުމުގެ ހުއްދަ ދޭން ދެކޮޅު ހަދާފައެވެ.

ސްޕެއިންއިންވެސް ވަނީ ފާޅުގައި މި ހަނގުރާމައާ ގުޅުންހުރި އެމެރިކާގެ އެއްވެސް އަސްކަރީ އުޅަނދަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ ދެކުނުގައި ހުރި އެމެރިކާގެ ދެ ބޮޑު އަސްކަރީ މަރުކަޒަކަށް ވަނުންވެސް ވަނީ މަނާކޮށްފައެވެ.

ޔޫރަޕްގެ އިސް އޮފިޝަލުން މި ހީނަރުކަން ކުޑަކޮށް ދެއްކުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އެމެރިކާގެ އެންމެ ގާތް ބައިވެރިން މިގޮތަށް ދެކޮޅު ހެދުމަކީ ޓްރަމްޕްގެ އަގު ވެއްޓި ބޮޑުބާރަށް އިހުތިރާމެއް ނެތްކަން ދައްކައިދޭ ކަމެކެވެ. ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ޓްރަމްޕް މަޝްވަރާ ކުރަނީ އީރާނުގެ ޖިންނިތަކާއެކު ކަމަށް ބުނެ އީރާނު މީޑިއާއިން ޓްރަމްޕަށް މަލާމާރތް ކުރެއެވެ.

 

ހިއްސާ ކުރައްވާ!