އެމެރިކާގެ ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އީރާނުން ދެކޮޅު ހަދައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލް އިން ނެރުނު ރިޕޯޓެއްގައެވެ.
މި ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާމްއާބާދުގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އީރާނުން ވަނީ މެދުވެރިން މެދުވެރިކޮށް ރަސްމީކޮށް އަންގާފައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާގެ ޝަރުތުތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ޕާކިސްތާނުން އިސްނަގައިގެން ސަރަހައްދީ ގައުމުތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް މިހާރު ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މި މަސައްކަތްތައް މިހާރު އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.







