އެމެރިކާގެ ލުއިޒިއާނާގައި އޮންނަ ބާކްސްޑޭލް އެއާ ފޯސް ބޭސްގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލުމަށް ފަހު ހުއްދަނެތް ގިނަ އަދަދެއްގެ ޑްރޯންތަކެއް އެ ސަރަހައްދަށް ވަތް މައްސަލައެއް އެމެރިކާގެ އެއާ ފޯސް އިން ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ. މި ބޭސްއަކީ ބޮން އަޅާ ބީ-52 މަރުކާގެ ނިއުކްލިއާ ބޮން ވައްޓާލުމަށް ބޭނުން ކުރަން ތައްޔާރުކޮށްފައިވާ ބޯޓުތަކާއި ނިއުކްލިއާ ހަތިޔާރު އުފުލާ ކްރޫޒް މިސައިލްތައް ބަހައްޓާފައި ހުންނަ މުހިންމު މަރުކަޒެކެވެ.
މި ހާދިސާ މިމަހު 2 ގައި އާންމުކޮށް ރިޕޯޓުކޮސްފައިވީނަމަވެސް އެއާ ފޯސް ގްލޯބަލް ސްޓްރައިކް ކޮމާންޑުން ހާމަކުރި ގޮތުގައި، މިކަން ހިނގާފައި ވަނީ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ. އެއިރު އެ މަރުކަޒު ވަގުތީ ގޮތުން ފުރަބަންދަކަށް ޖާން ޖެހުނެވެ.
"ހުއްދަނެތް ގިނަ އަދަދެއްގެ ޑްރޯންތަކެއް އެކި ވަގުތުތަކުގައި ބޭސްގެ ސަރަހައްދަށް ވަދެފައިވާ" ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ނެރުނު 'ޝެލްޓާ-އިން-ޕްލޭސް' އަމުރު އެ ދުވަހުގެ ހެނދުނު ވަނީ އުވާލާފައެވެ.
މި ހަރަކާތަކީ ދުޝްމަނުންގެ ހަމަލާއަކަށްވުރެ ބޮޑަށް ޖިނާއީ ކަމެއްގެ ގޮތުގައި މިހާތަނަށް ބަލާފައި ވެއެވެ. ނަމަވެސް، އީރާނާއެކު އޮތް ނުތަނަވަސްކަމާއި އަގުހެޔޮ ޑްރޯންތައް ބޭނުންކޮށްގެން ދޭ ހަމަލާތަކަށް އޮތް ބިރުވެރިކަމާ ގުޅިގެން މިކަމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ބާކްސްޑޭލް ބޭސްގައި 40 އާ ގާތްކުރާ އަދަދަކަށް ބީ-52 ބޯޓާއި ނިއުކްލިއާ ވޯހެޑް ހަރުކޮށްފައިވާ އޭޖީއެމް-86ބީ ކްރޫޒް މިސައިލްތައް ރައްކާކޮށްފައި ވެއެވެ.
އެއާ ފޯސް އިން ބުނީ މި ހާދިސާގެ ސަބަބުން ބޭސްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރު އިދާރާތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އޮފިޝަލުން ވަނީ ޑްރޯންތަކުގެ ނުރައްކަލަކީ "ބަދަލުވަމުންދާ ބޮޑު ނުރައްކަލެއް" ގޮތުގައި ސިފަކުރައްވާފައެވެ.
މިކަމާ ގުޅިގެން ރިޓަޔާޑް ލެފްޓިނަންޓް ޖެނެރަލް ޑޭވް ޑެޕްޓޫލާ އެންޕީއާރް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ޑްރޯންތަކަކީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރި އެއްޗެހި ކަމަށް ވެދާނެ ކަމަށެވެ. ޔޫކްރެއިން ހަނގުރާމައިގައި ވެސް މިފަދަ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާދޭ އުކުޅުތައް ބޭނުންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ނުރައްކާތަކާ ގުޅިގެން ޕެންޓަގަން އިން ދަނީ ނިއުކްލިއާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.






