އެމެރިކާގެ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދެމުންދާތީ، އެމެރިކާގެ ހަތިޔާރު ގުދަންތައް ހުސްވަމުންދާކަމުގެ އިންޒާރު އެމެރިކަން އެންޓަޕްރައިޒް އިންސްޓިޓިއުޓް (އޭއީއައި) އިން ދީފިއެވެ. ވޮޝިންޓަން ޕޯސްޓުން އެ ތިންކް ޓޭންކާ ހަވާލާދީ ބުނި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދެއެވެ.
އޭއީއައިގެ އެނަލިސްޓުން ކަމަށްވާ ޖޯން ޖީ ފެރާރީ އަދި ޑިލަން ޕްރޮކްނިކީ ތައްޔާރުކުރި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ ކުރިންވެސް ހަތިޔާރުގެ ރިޒާވް މަދުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ މައިގަނޑު ސަބަބަކީ ފާއިތުވި އަހަރުތަކުގައި އަސްކަރީ ހަރަކާތްތައް އިތުރުވެފައިވުމާއި، ބަޖެޓއގެ ދަތިކަމާ ހެދި ހަތިޔާރު އުފައްދާ މިންވަރު މަޑުޖެހިފައިވުމެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، އެމެރިކާގެ އުފެއްދުންތެރިކަމާއި، ހަތިޔާރު ބޭނުންކުރާ މިންވަރަށް ޗައިނާ އާއި ރަޝިޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"މިހާރު އޮތް ސުވާލަކީ އެމެރިކާއަށް އަމާޒުތަކަށް ހަމަލާދެވިދާނެތޯއެއް ނޫނެވެ. އަދި އެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންދެވިދާނެތޯ ވެސް ސުއާލު ކުރެވެއެވެ." ރިޕޯޓުގައި ވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޕެންޓަގަންގެ ހަތިޔާރު ގަތުމުގެ ސިޔާސަތު ބަދަލުކުރުމަށް އޭއީއައި އިން ވަނީ ލަފާދީފައެވެ. މީގެ ތެރޭގައި އަގުހެޔޮ އަދި ފަސޭހައިން އުފެއްދޭނެ ޑްރޯންތަކާއި، މިސައިލްތަކާއި، އމާޒަށް ހަމަލަދޭ ޕްރެސިޝަން މުނިޝަންސް ބޭނުންކުރުން ހިމެނެއެވެ. އަދި ހަތިޔާރު އުފައްދާ ކުންފުނިތައް އިތުރުކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ 450 ބިލިއަން ޑޮލަރުގެ ރިކޮންސިލިއޭޝަން ޕެކޭޖަކީ ހަމައެކަނި ސިޔާސީ ވާހަކައެއްގެ ބަދަލުގައި، ހުސްވަމުންދާ ހަތިޔާރުގެ ރިޒާވް އަލުން އާކުރުމަށް ކޮންމެހެން ބޭނުންތެރި ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައި އެ ރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.





