އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީގެ އިސް މުޝީރަކު، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. އީރާނުން މިހާރުވެސް ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. ބާބުލްމަންދަބު ބަންދު ކުރާނެ ކަމުގެ އިންޒާރު ދެއްވީ އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ތަޖުރިބާކާރު ޑިޕްލޮމޭޓް އަލީ އަކްބަރު ވިލާޔަތީއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިލާޔަތީ ވިދާޅުވީ، ޔަހޫދީންނާއި ސޮލީބީންނާ ދެކޮޅު ރެސިސްޓެންސް ފްރަންޓުން ބާބުލް މަންދަބާ މެދު ދެކެނީ ހޯރްމޫޒް ކަނޑުއޮޅިއާ މެދު ދެކޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެމެރިކާއިން އިތުރު ގޯސްތަކެއް ހަދައިފިނަމަ، ދުނިޔޭގެ ހަކަތައާއި ވިޔަފާރީގެ ދައުރުވުން އެންމެ ހަރަކާތަކުން ހުއްޓުވާލެވިދާނެކަން އެމެރިކާއަށް އެނގިގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އީރާންގެ މި އިންޒާރު އައިސްފައިވަނީ، އީރާނުން ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެއްބަސްނުވެއްޖެނަމަ، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ބޮން އަޅާނެ ކަމަށް އެމެރިކާގެ މޮޔަ ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނަމުންދަނީ ހުރުމުޒު ކަނޑުއޮޅި ސޮލީބީންނާއި ސަހުޔޫނީ ހަނގުރާމައިގައި އުޅޭ ދެގައުމު ފިޔަވައި ސަލާމަތީ ރައްކާތެރިކަމަށް މަޝްވަރާކުރާ އެހެން ގައުމުތަކަށް ހުޅުވާލާނެ ކަމަށެވެ.
ބާބުލް މަންދަބާއި ހުރުމުޒް ކަނޑުއޮޅި އެއްފަހަރާ ބަންދުކޮށްފިނަމަ، ދުނިޔެއަށް ސަޕްލައިކުރާ ތެލާއި ގޭހުގެ 25 އިންސައްތަ ހުއްޓުމަކަށް އަންނާނެއެވެ. މީގެ އިތުރުން ދުނިޔޭގެ ވިޔަފާރީގެ 10 އިންސައްތަ މުދާ ދަތުރުކުރަނީ ބާބުލް މަންދަބު ހުރަސްކޮށް ކަމަށްވުމުން، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އިގްތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ އެވެ.
ހުރުމުޒު ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ސައުދީ އަރަބިއްޔާއިން މިހާރު ތެޔޮ އެކްސްޕޯޓް ކުރުމަށް ބޮޑަށް ބަރޯސާވަނީ ރެޑްސީގެ އައްސޭރީގައިވާ ޔަންބުއު ބަނދަރަށެވެ. މިއީ އެމެރިކާގެ މަނަވަރުތައްވެސް މަޑު ކުރާ ބަނދަރެވެ. މީގެ ކުރިން ހުރުމުޒު ކަނޑުއޮޅި ބޭނުންކުރި ނަމަވެސް، މިހާރު ސައުދީން ދަނީ 1,200 ކިލޯމީޓަރުގެ ދިގު "އީސްޓް ވެސްޓް ޕައިޕްލައިން" މެދުވެރިކޮށް ބާބުލް މަންދަބާ ދިމާއަށް ތެޔޮ ފޮނުވަމުންނެވެ. އެހެންކަމުން ބާބުލް މަންދަބު ބަންދުކުރުމަކީ ސައުދީގެ ތެލުގެ ވިޔަފާރިއަށްވެސް ކުރިމަތިވާނެ ހުރަހެކެވެ.


