ދުނިޔޭގެ ކްރިއޭޓާ އިކޮނޮމީގެ މައި ހަބަކަށް ރާއްޖެ ހެދުމުގެ މަގްސަދުގައި، "ވޯލްޑް ކްރިއޭޓާ ސަމިޓް 2026″ އަދި "ވޯލްޑް ކްރިއޭޓާ އެވޯޑްސް 2026″ ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. ކްރިއޭޓޯލް އިން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 20 އިން 25 އަށެވެ.
މި ޕްރޮގްރާމަކީ ވިޒިޓް މޯލްޑިވްސް އާއި ދުނިޔޭގެ މަޝްހޫރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންތިޒާމުކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކްރިއޭޓަރުންގެ ދައުރު ފުޅާކޮށް، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ކްރިއޭޓަރުން ބައްދަލުކުރާ މައި މަރުކަޒަކަށް ހެދުމެވެ. މި ހަރަކާތުގައި ދުނިޔޭގެ ނުފޫޒުގަދަ ކްރިއޭޓަރުންނާއި، ޕްލެޓްފޯމްތަކާއި، ޕަބްލިޝަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވާނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ކްރިއޭޓާ ޕްލެޓްފޯމް ކަމަށްވާ ކްރިއޭޓޯލް މެދުވެރިކޮށް، ދުނިޔޭގެ ހުނަރުވެރިން ފަތުރުވެރިކަމުގެ ބްރޭންޑްތަކާ ގުޅުވައިދޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށް ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ކޮންޓެންޓް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަންގައި ދުނިޔޭގެ އެކި ތަންތަނުން ހޮވާލެވޭ 50 ފަރާތަކަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ ތެރޭގައި ހިމެނޭ ވޯލްޑް ކްރިއޭޓާ ސަމިޓް ވެގެންދާނީ ފަތުރުވެރިކަމުގެ ވާހަކަތައް ކިޔައިދިނުމާއި ޑިޖިޓަލް މާކެޓިންގްގެ ކުރިމަގާ ބެހޭގޮތުން މަޝްވަރާކުރެވޭނެ މުހިންމު ފޯރަމަކަށެވެ. އަދި ވޯލްޑް ކްރިއޭޓާ އެވޯޑްސް އަކީ ޑިޖިޓަލް ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރާ ކްރިއޭޓަރުންގެ އަގުވަޒަންކުރުމަށް ބާއްވާ ބައިނަލްއަގުވާމީ އެވޯޑެކެވެ.
މި ހަރަކާތުގެ ސަބަބުން އިންޑިއާ، އިނގިރޭސިވިލާތް، ޗައިނާ، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ބައިވެރިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

