އެމެރިކާގެ ސިފައިން އީރާނުގައި ހިންގި އީރާނުން ވައްޓާލި ބޯޓުގެ ޕައިލެޓުން ހޯދުމުގެ އޮޕަރޭޝަނެއްގައި ގެއްލުނު ސާމާނުގެ ތަފްސީލު ހާމަކުރުމުގައި ވޮޝިންޓަނުން އޮޅުވާލައެވެ. އީރާނުން ވީޑިއޯއާއި ފޮޓޯތައް ދައްކަމުން ސާބިތުކޮށްދީފައި ވަނީ އެމެރިކާއިން ބުނާ ވަރަށް ވުރެ ގިނަ އަސްކަރީ އުޅަނދުތައް އީރާނުން ވައްޓާލާފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ ކާމިޔާބު "ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް" ކަމަށް ސޮލީބީ ޓެރަރިސްޓް ހަމަލަތައް ދީ އަވަގުރާނަ ގޮވާ އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ އިސްވެރިން ސިފަކުރެއްވި ނަމަވެސް، އީރާނުން އާންމުކުރި ހެކިތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
އީރާނުގެ ސިފައިން ހާމަކުރި ގޮތުގައި، އާދިއްތަ ދުވަހު އެކަނިވެސް އެމެރިކާގެ ސީ-130 ހާކިއުލިސް މަރުކާގެ ދެ މަތިންދާބޯޓާއި، އަސްކަރީ ހެލިކޮޕްޓަރެއްގެ އިތުރުން ދެ އެމްކިއު-9 ރީޕާ ޑްރޯން ވަނީ އިސްފަހާން އަދި ކޮހްގިލުޔޭ ސަރަހައްދުން ވައްޓާލާފައެވެ. މީގެ އިތުރުން، ގެއްލުނު ކުރޫއިން ހޯދުމަށް ފޮނުވި ދެ ހޯކް ހެލިކޮޕްޓަރަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.
އެމެރިކާގެ މީޑިއާއިން ބުނަމުންދަނީ ސީ-130 މަރުކާގެ ދެ ބޯޓު ހަލާކުވި ކަމަށެވެ. އަދި އެ ބޯޓުތައް ހަލާކުވީ، ފަސްގަނޑު މަޑު ތަނެއްގައި ތާށިވުމުން ކަމަށާއި އެބޯޓުތައް އެމެރިކާގެ ސިފައިން އަމިއްލައަށް ގޮއްވާލީ ކަމަށެވެ. ނަމަވެސް އީރާނުން އާންމުކުރި ފޮޓޯތަކުން ފެންނަނީ އެ ބޯޓުތަކުގެ ބައިތައް ޗަކަސް ބިމެއްގެ ބަދަލުގައި ހަރު ބިމެއްގައި ހުރި މަންޒަރެވެ. އަދި ބޯޓުގެ ބައިތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، އެއީ ވައިގެ ތެރޭގައި ހަމަލާއެއް އަމާޒުވެގެން ލިބިފައިވާ ގެއްލުންތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެއެވެ. އެ ބޯޓުތަކުގެ ބުރަފަތިވެސް ކަންފަތި ވެފައިވާތަން ފެނެއެވެ.
މި ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ދަނީ ފުޅާ ދާއިރާއެއްގައި އޮޅުވާލުމާއި ދޮގު ޚަބަރު ފެތުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސޮލީބީ ސަހުޔޫނީ ހަމަލަތަކުގައި އެމެރިކާއިން އަދި ޔަހޫދީ ރެޖީމުންވެސް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުންދަނީ އާންމުންގެ އުމްރާނީ ވަސީލަތްތަކަށެވެ. އެމެރިކާއިން ގަސްތުގައި ޅަ އަންހެން ކުދިން މަރާލުމަށް ފެބްރުއަރީ 28 ގައި ދިން ހަމަލާގައި އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ މިނާބް ސްކޫލަށް ބޮން އަޅައި، 185 ކުދިންނާއި ޓީޗަރުން ވަނީ ޝަހީދުކޮށްލާފައެވެ. އެމ،ެރިކާ ރައީސަކީ ޅަ އަންހެން ކުދިންނާ ގުޅޭ ކަންކަމުގައި އެޕްޓީން ލިސްޓްގައި ހިމެނޭ ފަރާތެކެވެ. އަދި އީރާނުން އޭނާ ސިފަ ކުރަނީ އެޕްސްޓޫީން ގޭންގްގެ މެމްބަރެއްގެ ގޮތުގައެވެ. އީރާނުގެ ސިފައިން ބަލިކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅު ވެއެވެ. ނަމަވެސް، އީރާނުން ދަނީ ކޮންމެ ދުވަހަކުވެސް އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ގެއްލުނު ދެ ޕައިލެޓުން އެމެރިކާއަށް ފެނުނު ކަމެއް ނުވަތަ ނޫންކަމެއް އީރާނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި އޮޕަރޭޝަންގައި އެމެރިކާގެ ސިފައިންގެ ތެރެއިން މަރުވި ނުވަތަ އަނިޔާވި މީހުންގެ އަދަދުވެސް ވޮޝިންގޓަނުން ހާމަކޮށްފައެއް ނުވެއެވެ. އީރާނުން ދަނީ ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި އިސްރާއީލުގެ މަގާމުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.







