އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ސޮލީބީ ސަހުޔޫނީ ހަމަލާތަކުގައި އެ ގައުމުގެ 55 ލައިބްރަރީއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އީރާނުގެ ޕަބްލިކް ލައިބްރަރީސް ފައުންޑޭޝަނުން ހާމަކޮށްފިއެވެ. މީގެ ތެރެއިން ދެ ލައިބްރަރީއެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އީރާނުގެ ޕަބްލިކް ލައިބްރަރީސް ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އާޒާދޭ ނަޒަރުބުލަންދު ޒަންޖާންގައި ހުންނަ ސައްޔިދުއްޝުހަދާ ލައިބްރަރީއަށް ޒިޔާރަތްކުރެއްވުމަށްފަހު ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުގެ ސޮލީބީ ސަހުޔޫނީ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފޮތްތައް ވެސް ނެތިގޮސްފައިވާ ކަމަށެވެ. ޒަންޖާން ޕްރޮވިންސްގެ ސައްޔިދުއްޝުހަދާ ލައިބްރަރީގެ އިތުރުން އީލާމް ޕްރޮވިންސްގެ ދެހްލޮރާން ބޯޑަރ ގާޑް ލައިބްރަރީ ވަނީ ސައްތަ އިންސައްތަ ހަލާކު ކޮށްފައެވެ.
އީރާނުގެ އިލްމީ ގާބިލުކަމާއި ތައުލީމަށް ލޯބި ކުރުމަކީ ޔަހޫދީންނާއި ސޮލީބީން ދެކޭ ގޮތުގައި އެގައުމު ކުރިއަރައިގެން ދިއުމުގެ އަސާސެވެ. އެހެންވެ އިލްމީ މަރުކަޒުތަކާއި ސިސާޗް މަރުކަޒުތަކަށް ހަމަލަ ދިނުމަކީ އެމެރިކާއާއި އެމެރިކާއިން ހަތިޔާރު ދީގެން ފަސާދަ ކުރުަން ގެންގުޅޭ އިސްރާއީލުގެ ސިޔާސަތެކެވެ.

"ޒަންޖާންގައި ހުރި ސައްޔިދުއްޝުހަދާ ލައިބްރަރީގެ އިމާރާތުން ނުވަތަ އެތަނުގައި ހުރި ފޮތް ހަރުގަނޑުތަކާއި ފޮތްތަކުން މިހާރު އެއްވެސް އެއްޗެއް ބާކީއެއް ނެތް،" ނަޒަރުބުލަންދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 1،000 އަކަ މީޓަރުގެ އެ ލައިބްރަރީގައި 35،000 އަށްވުރެ ގިނަ ފޮތް ހުއްޓެވެ.
އީރާނަކީ އަރަބިންނަށް ވުރެން ގިނައިން ފޮތް އުފައްދައި ފޮތްތައް ތަރުޖަމާކޮށް ފިކުރީ މުއްސަނދި ސަގާފީ ހަޔާތެއް ގެންގުޅޭ ގައުމެކެވެ. އަދި އީރާނު މީހުންނަކީ ހޮލީވިޑްގެ ފިލްމުތައް ބަލައި މުނިފޫހި ފިލުވުވުގެ އާދަކާއަށް އަދި ބީރައްޓެހި ގައުމެކެވެ.
ނަޒަރުބުލަންދު އިތުރަށް ވިދާޅުވީ ސަގާފީ، އިލްމީ އަދި ތައުލީމީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ގައުމެއްގެ އަންނަން އޮތް ޖީލުތަކުގެ ޝަޚުސިއްޔަތަށާއި ލިޔެވިފައިވާ ސަގާފަތަށް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ސަގާފީ ޖަމިއްޔާތަކުން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މި ހަލާކުވި ލައިބްރަރީތަކުގެ ތެރޭގައި އަލުން އަނބުރާ ނުހޯދޭނެ ފަދަ ތާރީޚީ އަދި ތަފާތު ފޮތްތައް ހިމެނޭކަން ފާހަގަކުރައްވަމުން، ނަޒަރުބުލަނދު ވިދާޅުވީ މިފަދަ ހަމަލާތަކުން އީރާނުގެ ސަގާފީ މަސައްކަތްތައް ސޮލީބީންނާއި ސަހުޔޫނީންނަށް ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ. އަދި ގައުމީ ވަސީލަތްތައް ބޭނުންކޮށްގެން ލައިބްރަރީތައް އަލުން ބިނާކޮށް، ޚިދުމަތްތައް އަލުން ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.





