އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ބޭނުންކުރައްވަމުން ގެންދަވާ ޓެރަރިސްޓް ބަހުރުވައަށް ފާޑުވިދާޅުވެ، އެކަމުގެ ނުރައްކަލާ މެދު އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އަގްނެސް ކަލަމާޑް، އިންޒާރު ދެއްވައިފިއެވެ.
އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ޓްރަމްޕް ބޭނުން ކުރާ ޓެރަރިސްޓް ބަހުރުވައާއި ދެއްވަމުން ގެންދަވާ ބަހުގެ ހަމަލާތަކުގެ ނުރައްކާތެރިކަމާއި އަނިޔާވެރިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް ކަލަމާޑް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ދައްކަވާ ވާހަކަތަކެއްގެ ގޮތުގައި އަޅާނުލައި ދޫކޮށްލެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަލަމާޑް ވިދާޅުވީ، "މިފަދަ ބަސްމަގުގެ ސަބަބުން އާންމު ރައްޔިތުންނަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްގެން ދެވޭ ނުރައްކާތެރި ހަމަލާތަކަށް މަގުފަހިވޭ،" ކަމަށެވެ. އަދި ވުޖޫދަށް ނުރައްކާވާ ފަދަ ކަންކަމުން ރައްޔިތުން އަމިއްލައަށް ރައްކާތެރިވާނީ ކިހިނެއްތޯ ސުވާލު އުފައްދަވަމުން، މިއީ އިންތިހާއަށް ޓެރަރިސްޓް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މި ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އީރާނާއި، ލުބުނާނާއި، އިސްރާއީލް އަދި ގަލްފުގެ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށް ކަލަމާޑް ވިދާޅުވިއެވެ. "މިކަން ނިމޭނީ ކޮންތާކުން؟ މި ހަމަނުޖެހުންތައް ހުއްޓުވާނީ ކާކު ނުވަތަ ކޮން އެއްޗެއް؟" އޭނާ ސުވާލު ކުރެއްވިއެވެ.







