ޓްރަމްޕް އެހެރީ މޮޔަވެފައި، އަޒުލު ކުރަން ޖެހޭ: ކޮންގްރެސް މެމްބަރު ރޮބަރޓް ގާސިޔާ

އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަވާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރުތަކާ ގުޅިގެން، އޭނާ މަގާމުން ދުރުކުރުމަށް އެމެރިކާގެ ގާނޫނުއަސާސީގެ 25 ވަނަ އިސްލާހު ބޭނުންކުރުމަށް ގޮވާލާ ސިޔާސީ ބޭފުޅުންގެ ސަފަށް ކޮންގްރެސް މެމްބަރު ރޮބަރޓް ގާސިޔާ ގުޅިވަޑައިގެންފިއެވެ.

މިކަމާ ގުޅޭގޮތުން ރޮބަރޓް ގާސިޔާ ވިދާޅުވީ، "ޑޮނަލްޑް ޓްރަމްޕް އެހެރީ މޮޔަވެފައި" ކަމަށާއި، އީރާނުގެ ރައްޔިތުން ނައްތާލާނެ ކަމަށް ބުނެ އޭނާ ދެމުންދާ ޓެރަރިސްޓް އިންޒާރުތަކަކީ ސީރިއަސްކޮށް ނަގަންޖެހޭ ކަންތައްތަކެއް ކަމަށެވެ. ޓްރަމްޕްގެ އަމަލުތައް މިހާރު ހުރީ ކޮންޓްރޯލުން ނެއްޓިފައިވާ މިންވަރަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގާސިޔާ އިތުރަށް ވިދާޅުވީ ޓްރަމްޕްގެ ކެބިނެޓް މެމްބަރުންނާއި އޭނާގެ އަރިސް ބޭފުޅުން ގައުމުގެ ގާނޫނުއަސާސީއަށް ވަފާތެރިވާންޖެހޭ ކަމަށެވެ. އަދި 25 ވަނަ އިސްލާހުގެ ދަށުން އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އޭނާ މަގާމުން ދުރުކުރަންޖެހޭ" ކަމަށް ވިދާޅުވަމުން ގާސިޔާ ވަނީ ޓްރަމްޕްގެ ގާބިލުކަމާމެދު ސުވާލު އުފައްދާފައެވެ.

އެމެރިކާގެ ގާނޫނުއަސާސީގެ 25 ވަނަ އިސްލާހަކީ ރައީސަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނައިބު ރައީސާއި ކެބިނެޓުގެ އަޣުލަބިއްޔަތުން ރައީސް މަގާމުން ދުރުކުރުމަށް އޮންނަ ގާނޫނީ މަގެކެވެ. ޓްރަމްޕްގެ ބަހުގެ ހަމަލާތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ މި އިސްލާހު ބޭނުންކުރުމަށް ބާރުއަޅަމުންނެވެ.

ހިއްސާ ކުރައްވާ!