ސޮލީބީ ޓްރަމްޕާއި ކާފަރު ހެގްސެތު ވަކި ކުރުމަށް ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ގާނޫނާ ޚިލާފަށް އަސްކަރީ ފިޔަވަޅުތައް އެޅުމާއި، ހަނގުރާމައިގެ ކުށްތައް ހިންގުމާއި، އަދި އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅައިފިއެވެ.

ހަމައެއާއެކު، އެމެރިކާގެ 100 އެއްހާ ޑިމޮކްރެޓުންނާއި، ކަނާތު ފިޔައިގެ ބައެއް ކޮމެންޓޭޓަރުން ވެސް ދަނީ ނައިބު ރައީސް ޖޭޑީ ވެންސް އަދި ޓްރަމްޕްގެ ކެބިނެޓުގެ މެމްބަރުން ގާނޫނުއަސާސީގެ 25 ވަނަ އިސްލާހުގެ ބޭނުން ހިފައިގެން ޓްރަމްޕް އަޒުލު ކުރުމަށް މަސައްކަތް ކުރުމަށް ބާރުއަޅަމުންނެވެ. އެ ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި، އީރާނަށް އަމާޒުކޮށް އެމެރިކާ ރައީސް ދެއްވަމުންދާ ދަށު ދަރަޖައިގެ އިންޒާރުތަކުން އެނގެނީ އޭނާއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު ބޭފުޅެއް ނޫންކަމެވެ.

ޓްރަމްޕާ ދެކޮޅަށް މެންބަރު ޖޯން ލާސަން ވަނީ 13 ނުކުތާއަށް ބިނާކޮށްފައިވާ އަޒުލު ކުރުމުގެ މައްސަލަ ހުށަހަޅާފައެވެ. އޭގެ ތެރޭގައި "ޖިނާއީ ގާނޫނާ ޚިލާފުވުމާއި"، ގާނޫނުއަސާސީއާ ޚިލާފަށް ހަނގުރާމަ އިއުލާނުކުރުމާއި، އަދި 11 ސެޕްޓެމްބަރުގެ ހަމަލާފަދަ ނުރައްކަލަކަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގުން ހިމެނެއެވެ.

މި 13 ނުކުތާގެ މައްޗަށް ހިމެނޭ މައްސަލާގައި ޓްރަމްޕްގެ މައްޗަށް ހަނގުރާމައިގެ ކުށްތައް ހިންގިކަމަށް ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި އީރާނާއި، ވެނެޒުއޭލާ އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކަށް ދީފައިވާ ޓެރަރިސްޓް ހަމަލާތައް ހިމެނެއެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް ވަކިން މަސައްކަތް ކުރަމުންދާއިރު، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ލާއިންސާނީ އަމަލުތައް ހިންގުމާއި އީރާނުގެ އާންމުން ދިރިއުޅޭ ތަންތަނަށް ބޮން އެޅުމުގެ ތުހުމަތެވެ.
ޓްރަމްޕް ދާދި ފަހުން "މުޅި ހަޟާރާތެއް ނައްތާލާނެ" ކަމަށް ބުނެ ދެއްވި ޓެރަރިސްޓް އިންޒާރާ ގުޅިގެން، 25 ވަނަ އިސްލާހުގެ ދަށުން އޭނާ މަގާމުން ދުރުކުރުމަށް ގޮވާލާ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
87 އަށްވުރެ ގިނަ ޑިމޮކްރެޓިކް މެންބަރުން ވަނީ ޓްރަމްޕަކީ މަގާމަށް ކުފޫހަމަނުވާ ބޭފުޅެއް ކަމަށް ކަނޑައެޅުމަށް ކެބިނެޓަށް އާންމުކޮށް ގޮވާލާފައެވެ.
ވައިޓް ހައުސްއިން ވަނީ މި އިމްޕީޗްމަންޓް މަސައްކަތަކީ "ދެރަވަރު" ކަމެއްގެ ގޮތުގައި ސިފަކޮށް ބޮލާލައި ޖަހާފައެވެ.
ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީގެ އަތުގައި އޮތުމުން، މި މައްސަލަ ކުރިއަށް ދިއުމުގެ ފުރުސަތު ކުޑައެވެ. އެމެރިކާގެ ކޮންގްރެސްގައި ގިނައިން ތިބެނީ ޔަހޫދީ އައިޕެކް ޖަމުއިއްޔާއިން ފައިސާ ހޯދައިގެން ހޮވިފައިވާ މެމްބަރުން ކަމުން ޓްރަމްޕާ ދެކޮޅަށް އަޒުލު ކުރުމުގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެއެވެ.

އެމެރިކާ ރައީސަކު ކިތަންމެ ނުލަފާ ވިއަސް އޭނާ އިމްޕީޗް ކުރުމަށްޓަކައި:

  • ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި ސާދާ އަޣުލަބިއްޔަތަކުން އަޒުލުކުރުމުގެ މައްސަލަ ފާސްކުރަންޖެހެއެވެ.
  • އަދި މަތިގެ ސެނެޓުން ތިންބައިކުޅަ ދެބައިގެ ވޯޓުން ރައިސާ ދެކޮޅަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަންޖެހެއެވެ.

ޓްރަމްޕްގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން މިހާރު ކޮންގްރެސްގެ ދެ ގެ ކޮންޓްރޯލު ކުރަމުން ދެއެވެ. އަދި ޓްރަމްޕްގެ ކެބިނެޓް އެކުލެވިގެންވަނީ އޭނާއަށް ސާބިތު ވަފާތެރިންގެ މައްޗަށެވެ. މީގެ މާނައަކީ:

  • އަޒުލު ކުރުމުގެ މައްސަލަ ކުރިއަކަށް ނުދާނެއެވެ.
  • މަތިގެ ސެނެޓުން ޓްރަމްޕާ ދެކޮޅަށް ކުށް ސާބިތެއް ނުވާނެއެވެ.
  • ނައިބު ރައީސާއި ކެބިނެޓްގެ އަޣުލަބިއްޔަތާ ނުލައި ޓްރަމްޕް އަޒުލު ކުރުމަށް 25 ވަނަ އިސްލާހު ތަންފީޒުކުރުމަކީ ވެސް ނުކުރެވޭނެ ކަމެކެވެ.
  • އެހެންކަމުން، ޓްރަމްޕް އަޒުލު ކުރަން ބޭނުންވާ އަދަދުތަކެއް އިދިކޮޅު ޕާޓީއަށް ހަމައެއް ނުވާނެއެވެ.
ހިއްސާ ކުރައްވާ!