އީރާނާ މެދު ޑޮނަލްޑް ޓްރަމްޕް ކުއްލިއަކަށް އޭނާގެ ވިސްނުން ބަދަލުކޮށް ހަތިޔާރު ބަހައްޓަން ނިންމެވި ނިންމެވުމަކީ، އޭނާގެ މަޝްހޫރު ގައްޑާކަން ދެއްކުމުގެ ސިޔާސަތުގެ ނުކުޅެދުންތެރިކަން ހާމަކޮށްދޭ، އަދި ލަދުވެތިކަމާއެކު ފަހަތަށް ޖެހުމެއްގެ ގޮތުގައި މީޑިއާއިން ސިފަކުރެއެވެ.
ސޮލީބީ ޓްރަމްޕް ވަނީ މުޅި ހަޟާރާތެއް ފޮހެލާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު އޭނާ އަމިއްލައަށް ކަނޑައެޅި ސުންގަޑި ހަމަވާން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް، ކުއްލިއަކަށް ފަހަތަށް ޖެހިވަޑައިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައެވެ.
މީޑިއާގައި އޭނާގެ ގޮތްދައްކައި ކަންދައްކަން އުޅޭ ސްޓައިލަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ، އޭނާ ފިތުނީ އަމިއްލައަށް ގޮތް ބޮޑުކުރަން އުޅުމުގެ ސަބަބުންނެވެ. އަދި އޭނާ އުޅުނީ ގައްޑާކަން ދައްކައިގެން އަމަލީ ގޮތުން ތަންފީޒު ކުރުމުގެ ގާބިލުކަން ނެތް އިންޒާރުތަކެއް އީރާނަށް ދީ ބިރުގަންނަވާށެވެ. އެކަމަކު 8 އަހަރު ވަންދެން 160 މިލިއަން އަރަބިންނާ ދެކޮޅަށް ހަނގުރާމަ ކުރި އިރާނުން ޓްރަމްޕްގެ އިންޒާރަށް ޖެހިލުން ނުވެ ބޯހަރުކަން ދެއްކުމުން ޓްރަމްޕަށް ފަސްޖެހެން މަޖުބޫރުވީއެވެ.
ޓްރަމްޕްގެ ހަރުކަށި ޑިމާންޑްތަކާއި، އާދަޔާ ހިލާފު ގުންޑާ ބަސްމަގާއި، އަދި ކުއްލި ކުއްލިއަށް ނިންމުންތައް ބަދަލުކުރުމުގެ ސަބަބުން ދުނިޔޭގެ ވެރިންގެ ގާތު ޓްރަމްޕް ވަނީ ޖޯކަކަށްވެފައެވެ. އަދި އެމެރިކާގެ އިތުބާރު ވަނީ ކުޑަވެފައެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން އެކުވެރި ގައުމުތައް އެމެރިކާއާ ދުރަށް ޖެހި، ދެކޮޅުވެރި ގައުމުތަކަށް މިއީ ތާކުންތާކު ނުޖެހޭ އިންޒާރުތަކެއްކަން އެނގިގެން ހިނގައްޖެއެވެ. އަދި އެމެރިކާއަށް ގޮންޖެހުމުގެ ހިތްވަރު ވަނީ ލިބިފައެވެ.
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް އިއުތިރާފުވާ ގޮތުގައި، ޓްރަމްޕްގެ މި "ކުއްލި ސިހުން ގެނައުމުގެ އުކުޅުގެ" އަގު މިހާރު ވަނީ ވެއްޓިފައެވެ.
މުހައްލިލުން ބުނާ ގޮތުގައި ޓްރަމްޕްގެ މޮޔައެއް ފަދައިން އުޅުމުގެ ނަޒަރިއްޔާ ވަނީ ފެއިލްވެފައެވެ. މިއީ އެމެރިކާ ރައީސުން ގައުމުތައް ބިރުގަންނަވަން ގެންގުޅޭ ބާރު ދެއްކުމުގެ އުކުޅެކެވެ.
އީރާނަށް ބިރުދެއްކުމުގެ ބަދަލުގައި، އަމިއްލަ ބަސްމަގުގެ ސަބަބުން ޓްރަމްޕް އަމިއްލައަށް މަޅިއެއްގައި ތާށިވީއެވެ. އަދި ބާޒާރުތަކަށް ގެއްލުންވެ، ވިޔަފާރިވެރިން ހިތްހަމަނުޖެހުމުން ތަކުރާރުކޮށް ފަހަތަށް ޖެހެން އޭނާއަށް މަޖުބޫރުވީއެވެ.
މިކަމަށް މަލާމާތްކޮށް މީހުން ޖޯކަކަށް ބުނަނީ "TACO: Trump Always Chickens Out" (ޓްރަމްޕް އަބަދުވެސް ބިރުން ފަހަތަށް ޖެހެނީ) ކަމަށެވެ.







