ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން 3 ބިލިއަން ޑޮލަރުގެ ލޯނެއް ރޯލްއޯވަރ ކޮށްދިނުމަށް އިންކާރު ކުރުމާ ގުޅިގެން، ޕާކިސްތާނަށް މާލީ ގޮތުން އާ ފިއްތުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ޔޫ.އޭ.އީ އިން މިފަދަ އިތުރުކޮށްދިނުމަކަށް އިންކާރު ކުރި ފުރަތަމަ ފަހަރެވެ.
މި ލޯނަކީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްގެ ގާތްގަނޑަކަށް %18 އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، މުދާ އެތެރެކުރުމުގެ ހަރަދުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޔޫ.އޭ.އީގެ މި ނިންމުމަކީ ޕާކިސްތާނަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މާރިޗު 27 އާ ހަމައަށް ޕާކިސްތާނުގެ ރިޒާވް ހުރީ 16.4 ބިލިއަން ޑޮލަރުގައެވެ. މިއީ އެ ގައުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އެންމެ ތިން މަސް ދުވަހަށް ފުދޭނެ މިންވަރެކެވެ. އެހެންކަމުން، ޔޫ.އޭ.އީގެ މި ނިންމުމުގެ ސަބަބުން ފައިސާގެ ދަތިކަން ބޮޑުވެ، ފައިސާގެ އަގު ވެއްޓި، އިސްލާމްއާބާދުން އިގްތިސާދު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
ބްލޫމްބާގުން ފާހަގަކޮށްފައިވާ ގޮތުގައި، މީގެ ކުރިން ޕާކިސްތާނުގެ އިގްތިސާދު ހިފެހެއްޓުމަށް ބަރޯސާވެފައިވަނީ އައި.އެމް.އެފް އާއި ޔޫ.އޭ.އީ ފަދަ "އެކުވެރި އެހީތެރިން" ނަށެވެ. އެހެންކަމުން، މިފަހަރު އެހީތެރިކަން ދިނުމަށް އިންކާރު ކުރުމަކީ އެ ގައުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ.



