ޗައިނާއިން އުފައްދާފައިވާ އެޕްތަކާ މެދު ސަމާލުވުމަށް އެ އެޕްތައް ބޭނުންކުރާ ފަރާތްތަކަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން ވަނީ އިންޒާރު ދީފައެވެ. ޔަހޫދީން ކޮންޓްރޯލުކުރާ "ނިއުޔޯކް ޕޯސްޓް" ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އެފް.ބީ.އައި އިން ވަނީ ޗައިނާއަށް ނިސްބަތްވާ އެޕްލިކޭޝަންތަކުން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ވަގަށް ނަގައި، ޗައިނާ ސަރުކާރާ ހިއްސާކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގެ ގާނޫނުތައް އޮންނަ ގޮތުން އެ ގައުމުގެ އެޕްލިކޭޝަންތަކަށް ލިބޭ މައުލޫމާތު ސަރުކާރާ ހިއްސާކުރުމަށާއި، ސަރުކާރަށް އެ މައުލޫމާތުތަކަށް ސީދާ ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މިއީ "ޓިކްޓޮކް" މަނާކުރާނެ ކަމުގެ އިންޒާރު ދީ، އެ ކުންފުނީގެ ސީ.އީ.އޯ އާ ސުވާލުކުރުމަށް އެމެރިކާ ސަރުކާރުން ދެއްކި މައިގަނޑު ސަބަބުވެސް މެއެވެ.
އެމެރިކާއަކީވެސް އެމެރިކާއަށް ނިސްބަތްވާ އެޕްތަކުގެ ޔޫޒަރުންގެ މައުލޫމާތު ނަގައި ޔޫސަރުންގެ ބޯކޮޅު ބަލާ ގައުމެކެވެ. އެމެރިކާ އެފްބިއައި އަދި ސީއައިއޭއާއި އެނޫނަސް ޖާސޫސ ްކުރުމުގެ ދާއިރާގައި އުޅޭ 14 އިދާރާއަކުން އެކަން ކުރެއެވެ.
އެފް.ބީ.އައިގެ ބަޔާނުގައި ބުނެފައިވަނީ، ޗައިނާ އެޕްލިކޭޝަންތަކުގެ ނުރައްކާ އޮތީ ހަމައެކަނި އެމެރިކާގެ ރައްޔިތުންނަށް ނޫން ކަމަށާއި، މުޅި ދުނިޔޭގައި އެ އެޕްތައް ބޭނުން ކުރާ އެންމެނަށްވެސް މި ނުރައްކާ އެބައޮތް ކަމަށެވެ.
މީގެ އިތުރުން، ބައެއް އެޕްލިކޭޝަންތަކަކީ އެ ބޭނުން ނުކުރާ ވަގުތުތަކުގައާއި، އެޕްލިކޭޝަން ނިއްވާފައި ހުންނަ ވަގުތުތަކުގައިވެސް ބެކްގްރައުންޑްގައި މައުލޫމާތު އެއްކުރަމުންދާ އެޕްލިކޭޝަންތަކެއް ކަމަށް ބުނެ އެފްބީއައި އިން މީހުން ބިރުގަންނަވާ ފައި ވެއެވެ. އަދި މި މައުލޫމާތުތައް ރައްކާކުރަނީ ޗައިނާގައި ހުންނަ ސާވަރުތަކުގައި ކަމަށް ބުނެއެވެ.
އެފް.ބީ.އައި އިން ވަކި އެޕްލިކޭޝަންތަކެއްގެ ނަން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، އެމެރިކާގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ޑައުންލޯޑްކުރާ އެޕްލިކޭޝަންތަކުގެ ލިސްޓުގައި ހިމެނޭ އެޕްލިކޭޝަންތަކަށް ވަނީ އިޝާރާތްކޮށްފައެވެ. ޓެކްނޮލޮޖީ ވެބްސައިޓެއް ކަމަށްވާ "ޑިޖިޓަލް ޓްރެންޑްސް" އިން ބުނާ ގޮތުގައި، މީގެ ތެރޭގައި "ކެޕްކަޓް" "ޓިކްޓޮކް" އަދި "ޝީއިން" ފަދަ މަގުބޫލު އެޕްލިކޭޝަންތައް ހިމެނެއެވެ.
މީގެ އިތުރުން، ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރުމަށާއި، މިފަދަ އެޕްލިކޭޝަންތަކުން ކުރާ ޖާސޫސީ އަމަލުތައް ހުއްޓުވުމަށްޓަކައި އެފް.ބީ.އައި އިން ވަނީ ބައެއް އިރުޝާދުތައްވެސް ދީފައެވެ.
އެގޮތުން އެޕްލިކޭޝަންތަކުން ކިތަންމެ ވަރަކަށް އެދުނު ކަމުގައިވިޔަސް، ކޮންމެހެން ބޭނުން ނުވާ މައުލޫމާތުތައް ހިއްސާ ނުކުރުން ހިމެނެއެވެ. މާނައަކީ، ފޯނުގައި ހުންނަ ފޮޓޯ ލައިބްރަރީއަށް ނުވަތަ ކޮންޓެކްޓް ލިސްޓަށާއި، ފޯނުގައި ހުންނަ އެހެނިހެން ނާޒުކު މައުލޫމާތުތަކަށް އެޕްލިކޭޝަންތަކަށް ފުރިހަމަ އެކްސެސް ނުދިނުމެވެ.


