ހުރުމުޒު ކަނޑު އޮޅިން އީރާނުން ފީ ނަގަން ފެށުމުން ހުޅަނގުގެ ވިޔަފާރިތަކަށް އިންޝޫރެންސުން ލިބުނު ފައިސާ ގެއްލެނީ

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އަގު ނުވަތަ 'ސެކިއުރިޓީ ފީ' ނެގުމަށް އީރާނުން އެކުލަވާލާފައިވާ ޕްރޮޓޮކޯލް ތަންފީޒުކުރުމުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ. އީރާނުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ބައެއް އަރަބިން ގުޅިގެން ކުރިއަށް ގެންދިޔަ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ސަބަބުން އީރާންގެ މި ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އީރާނުގެ އޮއިލް، ގޭސް އެންޑް ޕެޓްރޯކެމިކަލް އެކްސްޕޯޓާސް ޔޫނިއަންގެ ތަރުޖަމާނު ހާމިދު ހުސައިނީ ވިދާޅުވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިން ފީ ނެގުމަކީ ހުޅަނގުގެ ގައުމުތަކާއެކު ކުރެވޭ މަޝްވަރާތަކުގައި އީރާނަށް ލިބިފައިވާ ބާރެކެވެ. މިއީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭނުންކުރެވިދާނެ އުކުޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނަކީ ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި 47 އަހަރު ވަންދެން އެމެރިކާއިން ހަރާން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ފިއްތާފައި އޮތް ގައުމެކެވެ. އީރާނުން ވަނީ 40 ދުވަސްތެރޭގައި ދުނިޔެއަށް ފިއްތައި އީރާނުގެ އިހުސާސްތައް އަންގައި ދީފައެވެ.

މީގެ އިތުރުން އީރާނާ ދެކޮޅަށް ދީފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައަކީ މި ކަނޑު އޮޅި ހުރަސްކޮށް ތެޔޮ އެކްސްޕޯޓު ކުރާ ގައުމުތަކުން އެމެރިކާއަށް ވާގިވެރި ވުމުން އެމެރިކާއާއި ސަހުޔޫނީން ދިން ގެއްލުމެކެވެ. އެހެންވެ ކޮންމެ އާގު ބޯޓަކަށް 1 މިލިއަން ޑޮލަރު ނޫނީ ކޮންމެ ފީފާއަކަށް 1 ޑޮލަރު ނެގުމުން އީރާނަށް ދިން ގެއްލުން ފޫބެއްދުމަށް ފައިސާ ލިބޭނެއެވެ.

އީރާނުން އަންދާޒާކުރާ ގޮތުގައި ސޮލީބީ ސަހުޔޫނީ ހަނގުރާމައިން އެ ގައުމަށް ލިބިފައިވާ ގެއްލުން 80 ބިލިއަނާއި 100 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެއެވެ. މި ގެއްލުމުގެ ބައެއް މި ފީގެ ޒަރީއާއިން އިއާދަކުރެވޭނެއެވެ. އަދި މި ނިޒާމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން އިތުރުވެ، އުޅަނދުތަކުގެ އިންޝުއަރެންސް ފީ ކުޑަވެގެންދާނެ ކަމަށް އީރާނުން ދެކެއެވެ. މިހާރު ހުރުމުޒު ހުރަސްކުރާ ކޮންމެ އުޅަނދަކުން ހުޅަނގުގެ ލުއޭޑް ފަދަ ކުންފުނިތަކަށް އިންޝުއަރެންސް ފީ ގެ ގޮތުގައި 40 ހާސް ޑޮލަރުން ފެށިގެން 1.2 މިލިއަން ޑޮލަރަށް ދައްކައެވެ. އެފައިސާ ދެން ދާނީ އީރާނަށެވެ. ހުޅަނގުގެ ގައުމުތަކުން ދަނީ އެމީހުންނަށް މި ހަރާން އާމްދަނީ ނުލިބޭނެތީ މައްސަލަ ޖައްސަމުންނެވެ.

މިހާރު އީރާނުން ނަގަމުންދާ ފީތައް ބަލައިގަންނަނީ ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ މެދުވެރިކޮށެވެ. މިއީ ބައިނަލްއަގުވާމީ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އީރާނުން ބޭނުންކުރާ ބަދަލު ގޮތެކެވެ. މި މަސައްކަތުގައި އީރާނުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ސެކްޓަރުގެ ބޮޑެތި ކުންފުނިތައްވެސް ބައިވެރިވެއެވެ. އަދި އެމެރިކާ ޑޮލަރަށް ތަބާވުންވެސް ނިމުމަކަށް އާދެއެވެ. އީރާނަކީ އެމެރިކާ ޑޮލަރަށް ބަރޯސާވާ ގައުމެއް ނޫނެވެ.

ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ނުހަނު މުހިންމު ސަރަހައްދަކަށް ވުމުން އީރާނުން މިފިޔަވަޅު އެޅުމުން މި ސަރަހައްދުގައު ހުޅަނގުގެ ބާރު ކެނޑިގެން ދާނެއެވެ. އަދި އެމެރިކާގެ ތައްޕާހުން އުޅޭ އަރަބިންނަށް އަމިއްލަ ފައިމައްޗަށް ތެދުވަން ދަސްވާނެއެވެ.

ހިއްސާ ކުރައްވާ!