ސައްދާމު އަވަހާރަކޮށްލަން ޤަތަރުގެ ސަރަހައްދުން ވައިގެ ހަމަލައެއް ދިން

އިރާގަށް އެމެރިކާގެ ސޮލީބީ ސިފައިން އަރައިގަތުމުގެ ކުޑަވަގުތުކޮޅެއް ކުރިން، 19 މާރިޗު 2003 ގައި ސައްދާމް ހުސައިން އަވަހާރަކޮށްލުމަށް ޤަތަރުގެ ސަރަހައްދުން ވައިގެ ހަމަލާއެއް ދިނެވެ.

މި ހަމަލާ ދިނީ ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާއާއި އަރަބިންގެ ގުޅިފައިވާ ޖޮއިންޓް އެއާ އޮޕަރޭޝަންސް ސެންޓަރަށް، ސީ.އައި.އޭ އާއެކު މަސައްކަތްކުރާ އިރާގުގެ ޖާސޫސީ މަސްދަރުތަކުން ދިން މައުލޫމާތާ ގުޅިގެންނެވެ. އޭގައި ސައްދާމް ހުސައިން ހުންނެވި ކަމަށް ބެލެވޭ ތަނަކާ ބެހޭގޮތުން އަންގާފައި އޮތެވެ. މިއީ ނުރައްކާތެރި މިޝަނެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ކުއްލި ވައިގެ ހަމަލާއެއް ޤަތަރުގެ ސަރަހައްދުން ދިނުމަށް ނިންމުނެވެ.

މިކަމަށްޓަކައި ގަތަރުން އެމެރިކާއަށް ހަދައި ދީފައިވާ އަލްއުދައިދު ބޭސްގައި އޮންނަ 49 ވަނަ އޮޕަރޭޝަންސް ވިންގަށް ގުޅައި، ކުއްލިއަކަށް އެފް 117 އޭ މަރުކާގެ ދެ ސްޓެލްތު މަތިންދާބޯޓު ތައްޔާރުކުރުމަށް އެންގުނެވެ. އާންމުކޮށް މިފަދަ ބޯޓެއް ތައްޔާރުކުރުމަށް ހަ ގަޑިއިރު ހޭދަވެއެވެ. ނަމަވެސް، މެއިންޓެނަންސް ޓީމުތަކުން ކުރިން ގިނަ މަސައްކަތްތަކެއް ނިންމާފައި ތައްޔާރުކޮށްފައި ހުރުމުން، މެންދަމު 03:38 ގައި ބޯޓުތައް ފުރުވާލެވުނެވެ.

މި ބޯޓުތަކުގައި ހަރުކޮށްފައިވަނީ އޭގެ 24 ގަޑިއިރު ކުރިން ލިބުނު، އަދި މީގެ ކުރިން ހަނގުރާމައެއްގައި ބޭނުންކޮށްފައިނުވާ އަމިއްލައަށް މަގު ހޯދައިގަންނަ އަމާޒަށް ދަތުރުކުރާ އީޖީބީޔޫ 27 މަރުކާގެ ބޮންތަކެވެ.

ދަތުރުމަތީގައި ޕައިލެޓުންނަށް މުވާސަލާތީ މައްސަލަތަކާއި ގުގުރުމާއެކު އައި ބާރުގަދަ ތޫފާނަކާ ކުރިމަތިލާން ޖެހުނެވެ. އަދި ކުރިން ތެޔޮ އަޅާ ބޯޓެއް ހަމަޖައްސާފައި ނެތް ނަމަވެސް، ކޭސީ 35 މަރުކާގެ ބޯޓަކުން ވައިގެ ތެރޭގައި ތެޔޮ އެޅުމަށް އެމީހުންނަށް ކާމިޔާބުވިއެވެ.

ފަތިސްވުމުގެ ކުރިން މި ދެ ބޯޓު އިރާގުގެ ވައިގެ ސަރަހައްދަށް ވަދެ، ވިލާގަނޑުތަކުގެ ތެރެއިން ބަޣުދާދުގެ މަތިން ދިޖްލާ ކޯރު ފާހަގަކުރިއެވެ. އަދި ހެނދުނު 05:30 ގައި، ސައްދާމް ހުސައިން އަވަހާރަފުޅަށް އޮންނެވި ކަމަށް ބެލެވޭ ދައުރާ ސަރަހައްދުގައިވާ ތަނަކަށް ދެ ބޮން އެޅިއެވެ. މިއާ އެކުއެކީގައި އެހެން އަމާޒުތަކަށް 40 ޓޮމަހޯކް މިސައިލް ފޮނުވާލިއެވެ.

ހަމަލާގެ ނަތީޖާ ނޭނގި ތިބެ، ދެ ބޯޓު އަލްއުދައިދު ބޭސްއަށް އެނބުރި އައެވެ.

ފަހުން އެނގުނު ގޮތުގައި އެއީ ހަގީގަތުގައިވެސް ސައްދާމް ހުސައިން ދިރިއުޅުއްވި ތަނެކެވެ. ނަމަވެސް ހަމަލާ ދިން ވަގުތު އެތަނުގައި އޭނާ ހުންނެވި ކަމުގެ ކަށަވަރު ހެއްކެއް ނުލިބުނެވެ.

ނާ އަވަހާރަކޮށްލުމަށް ކުރި މި މަސައްކަތް ނާކާމިޔާބުވުމުން، އެމެރިކާ ސިފައިންނަށް ޖެހުނީ ޖެހިގެން އައި ރޭ އިރާގާ ދެކޮޅަށް ހަނގުރާމަ ފަށާށެވެ.

މިއީ އަރަބިންގެ ވާގިވެރިކަމާއެކު ފާރިސީ ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާއިން ހިންގި ޓެރަރިސްޓް އޮޕަރޭޝަންތަކާއި ހަނގުރާމަތަކުން ގިނަ ވާހަކަތަކުން އެއް ވާހަކައެވެ.

މިއަދުވެސް އީރާ ދެކޮޅަށް މިމީހުން ދަނީ މި ބީދައިން އަމަލު ކުރަމުންނެވެ!

ހިއްސާ ކުރައްވާ!