ޓްރަމްޕާއި އެމެރިކާގެ ޕްރޮކްސީ ޔަހޫދީ ރެޖީމުން އީރާނާއެކު ކުރި ހަނގުރާމައަށް ފަހު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ އެމެރިކާއަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެއީ އޮޅުވާލުމެއްް ކަމަށާއި މެރިކާގެ މީޑިއާއިން ޓްރަމްޕް ބަލިވީ ކަމަށް ބުނުމުން އެ މީޑިއާއަށް ބަހުގެ ހަމަލާ ދެއްވަން ފައްޓަވައިފިއެވެ. ޚާއްޞަކޮށް ވޯލް ސްޓްރީޓް ޖާނަލް އިން ޓްރަމްޕްގެ ދޮގު ބޭޒާރުކޮށްލުމުން އެނޫހަކީ ދޮގު ޚަބަރު ފަތުރާ ނޫހެއް ކަމަށް ފާޑުވިދާޅުވެއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ވޯލް ސްޓްރީޓް ޖާނަލްގެ އެޑިޓޯރިއަލް ބޯޑަކީ "ދުނިޔޭގައި އޮތް އެންމެ ދޮގު އަދި އެންމެ ކުށް މައުލޫމާތު ފަތުރާ ބޯޑު" ކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން ސީއެންއެން ފަދަ އެހެން ބޮޑެތި މީޑިއާއަށްވެސް ޓްރަމްޕް ވަނީ ހަމަލާދެއްވާފައެވެ.
ދަ ނޭޝަން ނޫހާއި ޖަޕާން ތައިމްސްއާއި ދަ ޓެލެގްރާފާއި ލޮސްއެންޖެލްސް ޓައިމްސް އަދި ފޮކްސް ޓީވީންވެސް ގަބޫލު ކުރަނީ މި ހަނގުރާމާއިގައި ތްރަމްޕް ބަލިވީ ކަމަށެވެ. އެ ވާހަކަތައް ޓްރަމްޕަކަށް ހަޖަމެއް ނުކުރެވެއެވެ.
މިއީ އީރާނުގެ ނިއުކްލިއާ މައްސަލައާއި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ފަދަ މުހިންމު ކަންކަމުގައި ކުރިހޯދައި ބާރުވެރިވީ އީރާނުން ކަމަށް ބުނެ މީޑިއާއިން ކުރާ ސުވާލުތަކުން ރެކުމަށް ޓްރަމްޕް ކުރައްވާ ކަމެއްގެ ގޮތުގައި މީޑިއާ ސިފަ ކުރެއެވެ.
ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. ނަމަވެސް، މަސްރަހު އޮތީ ވަރަށް ނާޒުކު ފަށެއްގައެވެ.
އީރާނުގެ ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ކުއްލި ގޮތަކަށް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ އެމެރިކާއިން ހާސިލު ކުރަން އުޅުނު އެއްވެސް މަގްސަދެއް ހާސިލު ނުކުރެވި ދާއިމީ ހައްލެއް ނުލިބި ކަމަށް މީޑިއާއިން ފާހަގަ ކުރެއެވެ.
ޚާއްޞަކޮށް ޔުރޭނިއަމް މުއްސަނދިކުރުމުގެ މައްސަލައިގައި އެމެރިކާއިން ފިއްތުމުންވެސް އީރާނުން ދޫދީފައި ނުވާކަން ފާހަގަ ކުރެއެވެ. އަދި ހުރުމުޒު ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުތަކުން އީރާނުން ފީ ނެގުން ހުއްޓާލާފައެއް ނުވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ ޝަރުތުތަކަކީ އެމެރިކާ އިން ކުރި އެއްބަސްވާން ދެކޮޅު ހެދި އީރާނުން ހުރަސްކޮށްގެން ނުވާނެ ކަމަށް ބުނި އިންތައް ފަހަނައަޅައިދާ 10 ނުކުތާއެވެ.
ޓްރަމްޕްގެ ސަރުކާރުގެ ބައެއް އިސްވެރިންވެސް މިހާ އަވަހަށް ކާމިޔާބީ ފާހަގަކުރުމަކީ އީރާނަށް އިތުރު ހިތްވަރެއް ލިބިދާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕްގެ އޮޅުވާލުންތައް ބޭޒާރުކޮށް ހަގީގަތް ކިޔައިދިނުމުން އެ ކަންކަމަށް ޖަވާބުދާރީވުމުގެ ބަދަލުގައި ޓްރަމްޕް އިސްކަންދެއްވަނީ މީޑިއާއަކީ "ރައްޔިތުންގެ ދުޝްމަނުން" ކަމަށް ސިފަކޮށް، ނޫސްވެރިންނަށް ބިރުދެއްކުން އިސްކުރައްވާފައެވެ.
ޓްރަމްޕަކީ ދޮގު ހެދުމުގައި އަރާހުރި މީހެކެވެ. އަދި އޭނާގެ ގޮދު ބޭޒާރުކޮށްފިނަމަ އެ މީޑިއާއަކަށް އޭނާ ހަމަލަދީ އަގު ވައްޓާލަން މަސައްކަތް ކުރެއެވެ.





