ޔަހޫދީ ރެޖީމްގެ އަގު ވެއްޓިްޖެ

އިސްރާއީލުގެ އަރާރިވް ނޫހުން ޝާއިއު ކުރި ސާވޭއެއްގައި ބުނަނީ ޔަހޫދީންގެ ތެރޭން ޓްރަމްޕާއި ނަތަންޔާހޫ މި ހަނގުރާމައިން ކާމިޔާބު ވިކަމަށް ގަބޫލު ކުރަނީ އެންމެ 22 އިންސައްތަ މީހުންނެވެ.

މިއަދު ޔަހޫދީ ގައުމުގެ ހާރެޓްޒް ނޫހުގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން، ފަސް ހަފުތާގެ ހަނގުރާމައިން އިސްރާއީލަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.

އެ ނޫހުން ބުނީ ނަތަންޔާހޫ މި ހަމަލަތައް ފެއްޓެވީ އީރާނުގެ ވެރިކަން ވައްޓާލުމަށާއި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލުމަށާއި، މިސައިލްގެ ނުރައްކާ ނައްތާލުން ފަދަ ބޮޑެތި ވައުދުތަކަކާއެކުގައެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް އަމާޒެއް ހަނގުރާމަ ނިންމި އިރު ހާސިލެއް ނުވިއެވެ. އީރާނުގެ ލީޑަޝިޕް ދެމިއޮތްއިރު، އެ ގައުމުގެ މުއްސަނދިކޮށް ފައްކާކޮށްފައިވާ ޔުރޭނިއަމް ހުރީ އަތްނުލެވިއެވެ. އަދި މިސައިލްގެ ގާބިލުކަން ވެސް ވަނީ ކުރިއަށް ވުރެން ކުޅަދާނަ ވެފައެވެ.

އީރާނަަށް ސްޓްރެޓީޖިކް ކާމިޔާބީއެއް ލިބުނު އިރު އިސްރާއީލަށް ކުރިމަތިވީ ސިޔާސީ ގޮތުން ބަލިކަށިވުމެވެ.

އެޑިޓޯރިއަލްގައި ބުނެފައިވާ ގޮތުގައި ވޮޝިންޓަންގައި އިސްރާއީލުގެ އަގު ވެއްޓި އިސްރާއީލުގެ ގަދަރު ވަނީ ކުޑަވެފައެވެ.

މެރިކާއަށް ބޭނުންނުވާ ހަނގުރާމައެއްގެ ތެރެއަށް ރައީސް ޓްރަމްޕް ވައްދަން ނަތަންޔާހޫ މަސައްކަތް ކުރި ކަމަށް ބުނާ އަޑުތައް ގިނަވެފައިވާ ކަމަށް ބުނެއެވެ. އަދި އިސްރާއީލުގެ އެތެރޭގައި، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އުތުރު ބޯޑަރުގައި ހިޒްބުالله އާއެކު ކުރިމަތިލުންތައް ފެށި، ޖަލީލު (ގަލީލީ) ސަރަހައްދު ގައި ހިޒުބުގެ މިސައިލް ތަކާ ހެދި ބިރުވެރިކަމެއް ފެތުރިފައިވާ ކަމަށް ބުނެއެވެ.

މި އެޑިޓޯރިއަލްގައި ބުނަނީ އަސްކަރީ ބާރު ބޭނުންކުރުމުން ސިޔާސީ ނަތީޖާއެއް ނުނިކުތް ކަމަށެވެ. ނަތަންޔާހޫއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ އޮތީ ދާދި ގާތުގައި ކަމަށް ބުނަމުންދިޔަ ނަމަވެސް، އެޑިޓޯރިއަލްގައި އެ ވާހަކަތައް ސިފަކޮށްފައިވަނީ ހޮޅި ވައުދުތަކެއްގެ ގޮތުގައެވެ. މިއީ ޣައްޒާ، ލުބުނާން އަދި މިހާރު އީރާނުންވެސް ފެންނަމުންދާ ހާލަތު ކަމަށް ބުނެފައި ވެއެވެ.

ޔަހޫދީ ރެޖީމުގެ ނިންމުންތައް ނިންމުމުގައި ހުރި އުނިކަންކަމުގެ ހެއްކެއްގެ ގޮތުގައި ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަކުން ވނީ ހެކި ދައްކާފައެވެ. އޭގައި ބުނެފައިވަނީ ނަތަންޔާހޫ ވަނީ އޮޅުވާލައިގެން، އީރާނަކީ ބަލިކަށި ގައުމެއް ކަމަށާއި، ހޯރްމޫޒް ކަނޑުއޮޅި ބަންދު ކުރަން އީރާނަށް ނުކެރޭނެ ކަމަށާއި އީރާންގެ ވެރިކަން ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނެ ޓްރަމްޕަށް ދޮގު މައުލޫމާތު ދީފައެވެ.

ނަމަވެސް އެމެރިކާގެ އިންޓެލިޖެންސް އިސްވެރިން ވަނީ ނަތަންޔާހޫ ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ފައެވެ. ހާރެޓްސްގެ އެޑިޓޯރިއަލްގައި އިންޒާރު ދީފައިވަނީ މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ވޮޝިންޓަންގައި އިސްރާއީލުގެ އަގު އެންމެ ބޮޑަށް ވެއްޓުނު ފަހަރު ކަމަށެވެ.

އެ ނޫހުން ފާހަގަ ކުރިގޮތުގައި އީރާނުން ދެކެނީ ހަނގުރާމަ ހުއްޓާލުމަކީ އެ ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް