އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް ގެންނަވަމުންދާ ބަދަލުތަކަށް ފާޑުކިޔުމުގެ ގޮތުން، ވޮޝިންޓަންގެ ނޭޝަނަލް މޯލްގައި ރަން ފާޚާނާތަށްޓެއް ހަރުކޮށްފައިވާ ބޮޑު ތަޚުތެއް ބަހައްޓައިފިއެވެ.
މާބްލް އާއި ރަނުން ފަރުމާކޮށްފައިވާ މި ތަޚުތުގައި ގޮނޑިއެއްގެ ބަދަލުގައި އިށީންނަން ހުންނަނީ ފާޚާނާ ތަށްޓެކެވެ. އަދި އޭގައިވާ ބޯޑެއްގައި ލިޔެފައިވަނީ "ރަސްކަލަކަށް ހައްގު ތަޚުތެއް" މިހެންނެވެ.

އަދި އެމެރިކާއަށް ބޮޑެތި މައްސަލަތަކާއި އިގްތިސާދީ ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރައީސް ޓްރަމްޕް އެންމެ ބޮޑު އިސްކަމެއް ދެއްވީ ވައިޓް ހައުސްގެ ލިންކަން ފާޚާނާ މަރާމާތު ކުރުމަށް ކަމަށް ބުނެ އެ ބޯޑުގައި މަލާމާތްކޮށްފައިވެއެވެ.
މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ގެންދަވަނީ ވައިޓް ހައުސް އާއި ވޮޝިންޓަންގެ އެކި ތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އޭގެ ތެރޭގައި އޯވަލް އޮފީހުގައި ރަން ކުލައިގެ ގިނަ ފަރުމާތަކެއް ހިމެނުމާއި، ވައިޓް ހައުސްގެ އިރުމަތީ ފެންޑާ ތަޅާލައި ނިއުކްލިއަރ ހަމަލައަކުން ރައްކާތެރި ވެވޭ ފަދަ ބިންގަރާހެއް ހިމެނޭ މާލަމެއް ހެދުމުގެ އިތުރުން ކެނެޑީ ސެންޓަރު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މި ތަޚުތާއެކު ހިމަނާފައިވާ ނަޖިސް ފުހޭ ކަރުދާސް ރޯލުގައި "ސއިްރުން ސަލާން ކުރި" މިހެން ލިޔެފައިވެއެވެ.
މީގެ ކުރިން ޓްރަމްޕާއި ޖެފްރީ އެޕްސްޓީން އަތްގުޅުވައިގެން ތިބޭ މަންޒަރު ދައްކުވައިދޭ ބުދެއްވެސް މި ގުރޫޕުން މިތާނގައި ބަހައްޓާފައި ވެއެވެ.






