އާމިރު ޚާން: ފުރަތަމަ ކައިވެނި ރޫޅުމުން ދުވާލަކު ބަނގުރާ ފުޅިއެއް ހުސްކޮށްލަން

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން، އޭނާގެ ދިރިއުޅުމުގެ އެންމެ އުނދަގޫ ދުވަސްވަރާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ. އޭނާ ހާމަކުރި ގޮތުގައި ފުރަތަމަ އަނބިމީހާ ރީނާ ދައްތާއާ ވަކިވުމާ ގުޅިގެން ކުރިމަތިވި ނަފްސާނީ މައްސަލަތަކުގެ ސަބަބުން އޭނާ ދުވާލަކު ދޮޅު ބަނގުރާ ފުިޅި ބޮއެ ހެއްޖެވެ.

ޑުއެޯލޯގް ވިތު ބަރޫން ދާސް ޕްރޮގްރާމުގައި ވާހަކަދައްކަމުން އާމިރު ޚާން ބުނީ، ދޮޅު އަހަރު ވަންދެން ކޮންމެ ދުވަހަކު ދޮޅު ފުޅި ހުސްކުރަމުން ދިޔަ ކަމަށެވެ.

އާމިރު ފާހަގަކުރި ގޮތުގައި އޭނާއަކީ އާންމުކޮށް މިފަދަ ތަކެތި ބޭނުންކުރާ މީހެއް ނޫނެވެ. ނަމަވެސް އެ ދުވަސްވަރު ކުރިމަތިވި ކުއްލި އެކަނިވެރިކަމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުމާއި މަސައްކަތަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރަން ފެށިއެވެ. އާމިރު އާއި ރީނާ ކައިވެނިކުރީ 1986 ގައެވެ. 16 އަހަރަށްފަހު އެ ކައިވެނި ރޫޅުނުއިރު އެ ދެމީހުންނަށް ދެ ކުދިން، އިރާ އާއި ޖުނައިދު ލިބިފައިވެއެވެ.

ރީނާއާ ވަކިވުމަށްފަހު އާމިރު 2005 ވަނަ އަހަރު ޑައިރެކްޓަރު ކިރަން ރާއޯއާ ކައިވެނިކުރިއެވެ. ނަމަވެސް އެ ކައިވެނި ވެސް 2021 ވަނަ އަހަރު ވަނީ ރޫޅިފައެވެ.

މިހާރު އާމިރު ވަނީ އޭނާގެ ދިރިއުޅުމުގެ އާ މަރުހަލާއެއް ފަށާފައިވާކަން އިއުލާންކޮށްފައެވެ.

އެގޮތުން ގޯރީ ސަޕްރާތުއާ އެކު އާ ގުޅުމެއް ފަށާފައިވާކަން އޭނާ ކަށަވަރުކޮށްދިނެވެ.

ހިއްސާ ކުރައްވާ!